01 Jan 2014, 23:21
ރާއްޖޭގައި ގައުމީ ދުވަސްފާހަގަ ކުރަމުން ދާއިރު ގައުމިއްޔަތު އޭގެ ފުރިހަމަ މާނައިގައި ދެމިއޮންނާނީ ފުދުންތެރިކަމާއި އިޖްތިމާއީ ގޮތުން އަދުލުވެރި މާހައުލެއް ރައްޔިތުންގެ މެދުގައި ގާއިމް ކުރެވިގެން ކަމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
މިއަހަރު (ހިޖްރީ ގޮތުން 1435 ވަނަ އަހަރު)ގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތު އާލާކުރުމަށް ބޮޑު ތަކުރުފާނު މަސައްކަތް ކުރެއްވި ފަދައިން ދިވެހީންގެ ހާލަތު ބަދަލުކޮށް ދިވެހީން އެދޭފަދަ މުޖުތަމައެއް ގާއިމް ކުރުމަށްޓަކައި އަދުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ﷲ ސުބްހާނަހޫ ވަތަޢާލާގެ މަދަދާއި އެކު މިއަދުގެ ސަރުކާރުން، ބޮޑު ތަކުރުފާނު ކުރެއްވި ފަދައިން ދިވެހިންގެ ހާލަތު ބަދަލުކޮށް ދިވެހިން އެދޭފަދަ ވެރިކަމެއް ގާއިމްކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނަން. އަޅުގަނޑުގެ އިލްތިމާސަކީ މި މަސައްކަތުގައި ދިވެހި އެންމެހައި ރައްޔިތުންގެ އެއްބާރުލުން، މިއަދުގެ ސަރުކާރަށާއި އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދެއްވުމަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީދުވަހުގެ ޒިކުރާތައް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ބޮޑު ތަކުރުފާނު ކުރެއްވި ޖިހާދު ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްގެ މައްޗައްކަން ބަލައިލަން އެބަ ޖެހޭ ކަމަށެވެ.
"ބޮޑު ތަކުރުފާނު މަސައްކަތް ކުރެއްވީ، ޝައްކެއްވެސް ނެއްގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ހާލަތު ބަދަލުކުރެއްވުމަށް. ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެންނެވުމަށް. ރައްޔިތުންގެ ތެރޭގައި ހަމަޖެހުމާއި އަދާލަތު ގާއިމު ކުރެއްވުމަށް. ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް މުޖުތަމައުގެ އޮނިގަނޑު ގާއިމް ކުރެއްވުމަށް. އެކަން ބޮޑުތަކުރުފާނު ކާމިޔާބުކުރެއްވީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ވަފާތެރިކަމާ އެކީގައި ގައުމިއްޔަތުގެ ލާމަސީލު ނަމޫނާ އަޅުގަނޑުމެންގެ އެންމެހައި ދިވެހިންނަށް ދައްކަވަމުން،" ނައިބުރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އިލްތިމާސް ކުރަށްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކިލަނބުކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ޖާގަދީގެން ނުވާނޭ ކަމަށެވެ.
"ދިވެހި ގައުމިއްޔަތު މިއަދު އާލާ ކުރެވޭނީ، ދިވެހިންގެ އިޖްތިމާއީ ހާލަތު އަޅުގަނޑުމެން ބަދަލުކޮށްގެން. އެންމެންނަށް ވެސް ސުލްހަވެރިކަމާއެކު އިޖްތިމާއީ ހަމަޖެހުމުގެ ތެރޭގައި އުޅެވޭނެ މާހައުލެއް ގާއިމް ކޮށްގެން. އެކަން ކުރުމަށްޓަކައި މިއަދު އެންމެހައި ފަރާތްތަކުން ގުޅެންޖެހޭ. އަދި އެކަމަށް އެންމެހައި ފަރާތްތަކުން ޖާގަދޭންޖެހޭ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ނައިބުރައީސް ވިދާޅުވީ "ގައުމިއްޔަތުގެ ހަގީގީ ފޮނި މީރުކަން ލިބޭނީ" އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ސިއްހަތާއި ތައުލީމީ ގޮތުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހަދައިގެން ކަމަށާއި މިއަދު ގައުމިއްޔަތު ލާމެހިފައިވަނީ މިކަންތައް ހާސިލްކުރުމުގެ މައްޗަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތަކީ އަމިއްލަ ބަސްނުމާއި އަމިއްލައަށް ގައުމުގެ ކަންކަން ނިންމުމުގެ ބާރު ހިފެހެއްޓުން ކަމަށެވެ. އަދި މިއަދު ދިވެހި ގައުމު ދަހިވެތިވާންވީ ގައުމުގެ އަބުރު ހިފެހެއްޓުމާއި އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް ކަމަށާއި އަދި އެއްވެސް ހާލަތެއްގައި ގައުމުގެ ޝަހުސިއްޔަތު ދޫކޮށް ނުލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު މިގައުމުގެ ގައުމިއްޔަތަށް ލޯބިކުރާނަމަ ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކު ނުކުރާނެ. ގައުމުގެ އިގްތިސާދީ ބާރު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލާނެ. ގައުމުގެ އަބުރާއި ކަރާމާތައް ބެލުމެއް ނެތި ސިޔާސީ މަންފާއަކަށް ޓަކައި ގައުމުގެ ޝަހުސިއްޔަތު އެހެން ގައުމުތަކުގައި ވިއްކައެއް ނުލާނެ. ގައުމިއްޔަތަށް ބެލުމެއް ނެތި ކޮންމެ ކަމެއް ވަރިހަމައެއް ނުކުރާނެ. ގައުމުގެ ކަންކަމުގައި އަމިއްލަ ބަސް ނުބުނެވޭހާ ހިސާބަށް ކަންކަން ދޫކޮށެއް ނުލާނެ،" ނާއިބުރައީސް ޑރ. ޖަމީލު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހީންގެ ގައުމީދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ގައުމިއްޔަތުގެ ރުކުން ކަމަށްވާ ދިވެހި ބަހާއި އާދަކާދައާއި ތާރީހް ސަލާމަތްކުރަން ޖެހެ އެވެ. އަދި ގައުމިއްޔަތެއް ބިނާކުރަން ބޭނުންވާ ނަމަ އެގައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ގާއިމް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ހިޔާލު ތަފާތުވުމާއި ދެބަސްވުމާއި ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ކުރާ މަސައްކަތުގެ ތެރެއިން ކަމުގައިވީ ނަމަވެސް ޑިމޮކްރަސީގެ ރަހަމީރުކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރާ ބުރަ މަސައްކަތުގެ ތެރެއިން ކަމުގައިވީ ނަމަވެސް އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުހުއްވަތްތެރި ކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ބުރުލެއް އަރާފަދަ އެއްވެސް ކަމަކަށް އެއްވެސް ރައްޔިތަކު ޖާގަ ނުދިނުން،" ނާއިބުރައީސް ވިދާޅުވި އެވެ.
ހިޖްރީ ގޮތުން ބަރަކާތްތެރި މައްސަރެއްގައި ގައުމީ ދުވަސް ފާހަގަކުރާއިރު މިދުވަސް ރަމްޒުކޮށްދެނީ ދިވެހި ގައުމިއްޔަތާއި އިސްލާމްދީނާ ދެމެދު އެޅިފައިވާ ފާލަން ކަމަށާއި އެހެން ކަމުން މިދުވަސް ފާހަގަކުރުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ އަޅުގަނޑުމެންގެ އަގީދާ ވަރުގަދަކުރުމާއެކީގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލިބިފައިވާ ލޯތްބާއި ގަދަރު މަތިވެރި ކުރުން ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.