01 Jan 2014, 20:55
ނިއުދިއްލީން: އަބްދުﷲ ޖަމީލު
ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާކުދިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަށް އެންމެ ދަތިވެގެންދާ ވަގުތުތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް އެންމެ އިހުލާސްތެރިކަމާއެކީ އެންމެ އަވަސްމިނެއްގައި މިހާތަނަށް ފޯރުކޮށްދީފައި ވަނީ އިންޑިއާއިން ކަމަށެވެ. އަދި އިންޑިޔާ ސަރުކާރާ ވާހަކަ ދައްކަވަނީ، މަތިވެރި ވިސްނުންތަކެއް ހުރެގެން ކަމަށާއި، ދިވެހި ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވީ، އެކަންކަމުން ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ދިއްލީގައި ހުންނަވާ ހޮޓަލުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ކިޔަވާ ކުދިންނަށް ޔުނިވާސިޓީގައި ކިޔެވުމަށް ލިބިގެންދާ ފުރުސަތަކީ އެކުދިންގެ ހަޔާތުގައި ލިބޭނޭ އެންމެ އުފާވެރި ފުރުސަތު ކަމަށް ވިދާޅުވި އެވެ. އަދި އިންސާނުންގެ ގޮތަކީ އުނދަގޫ ހާލަތްތަކުން ވެސް އުފާވެރި ހާލަތްތައް ހޯދައި އުނދަގޫ ކަންތައްތަކުން ފާގަތި ކަންކަމަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރުން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އަޅުވެތިވުމަކީ ހަމައެކަނި ސިޔާސީގޮތުން ސަރުކާރެއްގެ ކުރިމަތީގައި ކުޑަ ކަކޫޖެހުން ނޫން ކަމަށާއި ދުނިޔޭގައި މިއަދު އަޅުވެތިވަނީ އިގުތިސާދީ ގޮތުން ފުދުންތެރިކަން ކުޑަވީމާކަން ކިޔަވާ ކުދިންގެ ހިޔާލަށް މިއަދު ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން މަސައްކަތްތައް ކުރާއިރު ކިތަންމެ ވަރަކަށް ބަވަނަވެފައި އޮތް ކަމުގައިވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކަމެއް ބޭނުންވެގެން އުޅޭއިރު އެކަމެއް ހޯދުމަށްޓަކައި އަގެއް ދައްކަންޖެހޭ ޖެހުން. އަދި އެ އަގަކީ ފަހަރުގައި ސަރުކާރަކަށް ދައްކަން އެހާ ފަސޭހަ އަގަކަށް ނުވެދާނެ. ގައުމުގެ އިސްތިގުލާލަށް ބުރޫއަރާ ކަންކަންވެސް ނިންމަން ޖެހިދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެ ސިޔާސީ ލީޑަރެއްގެވެސް ވިސްނުމެއް އޮންނަންޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
"ސިޔާސީގޮތުން ހިޔާލުތަފާތުވާ ކޮންމެފަހަރަކު އަޅުގަނޑުމެން ނުކުމެ އެކަންކަމާ ދޭތެރޭގައި އަޑުއުފުލައި ރައްޔިތުންނަށް ތަހައްމަލް ކުރެވޭވަރަށްވުރެ ބޮޑަށް އެކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ގައުމީ މަސްލަޙަތު އިސްކުރުމެއް ނޫން. އަދި އެކަންކަން އެގޮތަށް ކުރުމަކުންނެއް، ޝައްކެއްނެތްގޮތުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަވެގެނެއް ނުވެސްދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުމަކީ އޭގެ ޒާތުގައި މޭޒު ކައިރިން ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަންކަން ކަމަށާއި ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ތަހައްމަލް ކުރަން ޖެހުމަކީ ގަބޫލު ކުރައްވާ ސިޔާސީ ހައްލެއް ނޫން ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން މިއަދު މި ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ފުދުންތެރި ސަރުކާރަކަށް ހެއްދެވުމަށްޓަކައި ކުރައްވާ މަސައްކަތް ކަމަށާއި، ފުދުންތެރި ސަރުކާރެއް ކަމަށްވާނަމަ، އެއީ ޝަރަފްވެރި މަޤާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދޭދޭ ފަރުދުންނަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދިނުމުގެ މަތިވެރި އަޒުމް މި ސަރުކާރުގައި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަހުމަދު ސިޔާމް މުހަންމަދު ވެސް ވާހަކަފުޅު ދެއްކެވި އެވެ.
ގާސިމް ވިދާޅުވީ ކޮންމެ ގައުމެއްގައި އުޅުނު ކަމުގައިވިޔަސް އެތަނެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ދިއްލީގައި ކިޔަވަމުންގެންދާ ހުރިހާ ދަރިވަރުން ވެސް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށާއި ގައުމަށް ރީތިނަން ހޯދައިދިނުމަށް އިލްތިމާސް ކުރެއްވި އެވެ.
ސިޔާމްގެ ވާހަކަފުޅުގައި މިހާރު އުފެދިފައިވާ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ކޮންމެ ތަނެއްގައި ކަމެއް ދިމާވިކަމުގައިވިޔަސް އެހީތެރިކަން ފޯރުވައިދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށް ވިދާޅުވި އެވެ. އަދި އިންޑިޔާއަށްދާ ދިވެހިންނަށް ދިމާވާ ވިސާގެ މައްސަލަތަކާއި އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިޔާ އެމްބަސީއާއި އިންޑިޔާ ސަރުކާރާ ގުޅިވަޑައިގެން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމުގައި ސިޔާމް ވިދާޅުވި އެވެ. އަދި މި ދަތުރުފުޅަށްފަހު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ރަހަމީރުކަން އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުޙަންމަދު ނަޞީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅުގައި، ދިވެހި ބޭފުޅުންނާއި އަދި ކިޔަވާ ކުދިންނާ ބަދަލުކޮށްލައްވައި، ޙަފްލާ ޝަރަފުވެރިކޮށްދެއްވީތީ، އެދެކަނބަލުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް، މި ދަތުރުފުޅުގެ ސަބަބުން އިތުރު ފަސޭހަތައް ލިބިގެންދިޔުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ތަޢާރުފު ކުރެއްވީ، އިންޑިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓެރީ އިސްމާޢީލް މަމްދޫހެވެ.
މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކާއި، ކިޔަވަން ތިބި ދިވެހި ކުދިންނާ، ރައީސްގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި ހާލު އޮޅުންފިލުއްވި އެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ އާއި ބޮޑުވަޒީރު މަންމޯހަން ސިންގްއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
https://www.youtube.com/watch?v=tMKg2Nfpcp0