01 Jan 2014, 19:11
ހެލްޕް ސޫރިޔާ ތްރޫ ދަ ވިންޓާގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނެއްގައި ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "އެހީ" ޖަމްއިއްޔާ މެދުވެރިކޮށް، ސޫރިއާއަށް އެހީތެރިވުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
ހެލްޕް ސޫރިޔާ ތްރޫދަ ވިންޓާ މޯލްޑިވްސް މިނަމުގައި ހިންގާ ކެމްޕޭނާ ބެހޭ ގޮތުން އެހީ ޖަމްއިއްޔާގެ ފަރާތުން މިއަދު ހަވީރު ޝީ ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޖަމްއިއްޔާގެ ރައީސް މުހައްމަދު އަފްޒަލް ވިދާޅުވީ، މިކެމްޕޭނަކީ ސޫރިޔާގައި ދިގުދެމިގެން މިހާރު މިދާ ހަމަނުޖެހުންތަކުގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި މުސްލިމް އަހުންނާއި އުހުތުންނަށް ދުނިޔޭގެ އެހެން މުސްލިމުންނަށް ފޯރުކޮށްދެވެން އޮތީ ކޮން އެހީތެރިކަމެއްތޯ ބަލައި އެއެހީ ތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ދުނިޔޭގެ ޖަމްއިއްޔާއަކުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި މިކެންޕޭނުގައި ރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުވާލެވިފައި ކަމަށް ރައީސް އަފްޒަލް ވިދާޅުވި އެވެ.
"ހެލްޕް ސޫރިޔާގެ ނަމުގައި އެފްބީ ޕޭޖެއްވެސް މިހާރު ވަނީ ހުޅުވިފައި. އަދި ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ގޮވާލަން. ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް މުސްލިމުން ހާލުގައި ޖެހިފަ އެބަތިބި. މިއަދު މިވަނީ ސޫރިއާށް އެހީވުމަށް އިންޓަނޭޝަނަލް ފެންވަރުގައި މަގު ހުޅުވިފައި. އަޅުގަނޑުމެން މިކެމްޕޭން މުޅިރާއްޖޭގައި ކުމުމަށް ވަނީ ނިންމައިފައި. އެގޮތުން އެކިއެކި ޖަމްއިއްޔާތަކާއި ސަރުކާރާ އަދި މީޑިއާ މެދުވެރިކޮށް މިކެމްޕޭން ކުމުމަށް ވަނީ ހަމަޖެހިފައި. އަދި މިކެމްޕޭނުގައި މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ލިބިފައި." އަފްޒަލް ވިދާޅުވި އެވެ.
މިއަދުގެ ނޫސްކޮންފަރެސްގައި ވާހަކަ ދައްކަމުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް ޝާން ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމުގެގޮތުން އެހީ ޖަމިއްޔާ އިން ހިންގާ މިހަރަކާތަކީ ފިނިމޫސުމުގައި ރެފިއުޖީ ކޭމްޕަތަކުގައާއި ސޫރިޔާގައި ދިރިއުޅެމުންދާ ރައްޔަތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ބަޑު ކެމްޕޭން ހަރަކާތެއް ކަމަށާއީ އަދި މިހަރަކާތުގައި އެއްކުރެވޭ ފައިސާ ޑޮލަރަށް ބަދަލުކުރުމަށް ފަހު، އެ ފައިސާ އޮސްޓްރޭލިއާގައި ސޫރިޔާއަށް އެހީތެރިވުމަށް ހަރަކާތްތެރިވާ ފަރާތަކަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ ކެމްޕޭނުން ލިބޭ ފައިސާއަށް ތަކެތި ގަތުމަށްފަހުގައި އެތަކެތި ސޫރިޔާގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި އެކަން ކުރުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައި." ޝާން ވިދާޅުވި އެވެ.
މީގެއިތުރުން ޝާން ވިދާޅުވީ، ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވިފައިވާ އެހީ ޖަމިއްޔާގެ އެކައުންޓަށް އެހީ ޖަމާކޮށްދިނުމަށް އެދިލައްވާ ކަމަށާއި މިމަހުގެ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާދީފަހުން މާލޭ އާއި ހުޅުމާލޭގައި ވެސް ސޫރިޔާއަށް އެހީ ހޯދުމުގެ ގޮތުން ކެމްޕޭންތަކެއް ކުރެވުނު ކަމަށް ޝާން ވިދާޅުވި އެވެ.
އިސްލާމިކް ބޭންކްގައި ހުޅުވިފައިވާ އެހީ ޖަމިއްޔާގެ އެކައުންޓް ނަމްބަރަކީއަކީ100 55500025 01 9901 އެވެ.
އެހީ ޖަމްއިއްޔާ އަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ހޯމްމިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްއިއްޔާއެކެވެ. އެ ޖަމުއްޔާގެ މައިގަނޑު މަގްސަދަކީ އިންސާނީ ތަރައްގީއަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރު ކޮށްދިނުމާއި އިގްތިސޯދީ އެހީ ތެރިކަމާއި އިޖްތިމާއީ މާއްދީ އަދި ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުމެވެ.