ގއ. މަގުއްދުވާގައި ހިންގާ އަޔާޑާ މޯލްޑިވްސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

އަޔާޑާ މޯލްޑިވްސްގައި ގެނބިގެން މަރުވީ އަންހެން ޓޫރިސްޓެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު މެންދުރު، އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

އަޔާޑާ މޯލްޑިވްސް ރިސޯޓުގެ އިސް މުވައްޒަފަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ އަންހެން މީހާ މަރުވީ، ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށާއި އޭނާގެ މަރުވީ ލައިފްޖެކެޓް ވެސް އަޅައިގެން އުޅެނިކޮށެވެ.

"އެ އަންހެން މީހާ މަރުވިއިރު ފިރިމީހާ އާއި ދަރިފުޅު ވެސް ރިސޯޓުގައި އެ ބަހުރި. އޭނާ މަރުވެފައި އޮއްވައި ފެނުނީ ވޯޓާވިލާ ކައިރިއަށް ސްނޯކުލިން އަށް ގޮސްއުޅެނިކޮށް،" އަޔާޑާ މޯލްޑިވްސްގެ މުވައްޒަފަކު ބުންޏެވެ.

ފުލުހުން ބުނީ އެ ރިސޯޓުގައި ގެނބިގެން މަރުވި މީހާގެ ހަށިގަނޑު ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ "މަރު ހަގީގަތް" ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް މަރުވި ޓޫރިސްޓަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި އަންހެން ޓޫރިސްޓަކީ ޗައިނާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ ތެރެއިން މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މިހާތަނަށް ނުވަ ޓޫރިސްޓަކު މިދިޔަ ތެރޭ މަރުވެފައިވާ ކަމަށް "ސަން"ގެ އާކައިވުން ދައްކަ އެވެ. މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި މިދިޔަ އަހަރު ތެރޭ މަރުވި ގިނަ ޓޫރިސްޓުންގެ ތެރޭގައި ގިނައިން ހިމެނެނީ ޗައިނާ މީހުންނެވެ.