01 Jan 2014, 12:49
އަވައްޓެރި އިންޑިއާގައި ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު ދިމާވާ އެންމެ ފާހަގަކޮއްލެވޭ ދެ މައްސަލަ ކަމުގައިވާ ވިސާގެ މައްސަލައާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ މައްސަލައިގައި ވެސް އެދެވޭ ހައްލެއް ހޯދޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"މި ދަތުރުގައި މަޝްވަރާކޮށް އިތުރަށް ނިންމަން ހުރި ކަންތައްތަކުގެ ތެރޭގައި ދިވެހިންނަށް، ހާއްސަކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް، އަދި ދިވެހި ކިޔަވާ ކުދިންނަށް އެންމެ ބޮޑު މައްސަލައަކަށް އުޅެނީ ވިސާގެ މައްސަލަ ދެއްތޯ. ދެން ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަނާ މިހާތަނަށް ވަރަށް ގިނަ މަސައްކަތްތެކެއް މިއޮތީ މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާ އެކީގައި ކުރައްވާފައި. ދެން އޭގެ ނަތީޖާއާ ހަމައަށް ވެސް ދިއުމުގެ އުންމީދު އަޅުގަނޑުގެ އެބައޮތް ވަރަށް ބޮޑަށް،" ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅާ ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަޝްވަރާ ކުރަށްވާނޭ މުހިއްމު އެއް ކަމެއްގެ ގޮތުގައި ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ގެދޮރު އެޅުމަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މައްސަލަވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ވިޔަފާއިއާއި އާންމު ހާލަތައް ބަލާ ކަމަށް ވަންޏާ، ގެދޮރު އެޅުމުގެ ކަންކަމުގައި ބޭނުންވާ ހިލައާއި ހިލަ ވެއްޔާއި، ރޮކްބޯލްޑާސް ލިބުމުގެ ދަތިކަން ވެސް މިހާރު މިއޮތީ ދިވެހިރާއްޖެ އިހްސާސްކުރާ ދުވަސްކޮޅެއް. ދެންމެ މިކަމުގައި ވެސް ވާހަކަތަކެއް ދެކެވިއްޖެ ކުރިން ވެސް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިކަހަލަ ދަތުރެއް ހަމަޖެހިގެންދާއިރު އެ ދަތުރުގައި މަޝްވަރާކުރާނޭ ކަންތައްތަކާ ގުޅިގެން އޭގެ ކުރީގެ މަރުހަލާތަކުގައި ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައި ހުންނާނޭ ކަމަށާއި އަދި އެމަނިކުފާނާ އެކުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރަށްވާ މަޝްވަރާތައް ދިވެހިރާއްޖެއަށް ފައިދާ ހުރިގޮތުގައި ނިމިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިކަންކަން ކަށަވަރުވެގެން ދާނީ، ނޫނިއްޔާ މިކަންކަން ނިމޭހިސާބަށް އަންނާނީ އިންޑިއާގެ އެންމެ އިސް ވެރިންނާއި އަޅުގަނޑުގެ ޑެލިގޭޝަނުން ދައްކާ ވާހަކަތަކަށް ފަހު ދެއްތޯ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ބޮޑަށް މަޝްވަރާ ކުރައްވާނީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިގައި މިހާރު ދިމާވެފައިވާ ދަތިތަކުގައި އެހީތަކެއް ހޯދުން ކަމަށާއި އަދި އެކަންކަމުގައި އިންޑިއާ ސަރުކާރުގެ ވިސްނުން ހުރިގޮތެއް ބައްލަވާނޭ ކަމަށެވެ. އަދި ހަމަ އެހެންމެ ސިއްހީ ދާއިރާއިން ލިބެންހުރި އެހީތައްވެސް ހޯއްދެވުމަށް މަސައްކަތްކުރަށްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްބަސްވުން ތަކުގެ ތެރޭގައި ސިއްހީ ދާއިރާގެ ބައެއް ކަންތައްތައް އެބަހުރި. ދެން އަޅުގަނޑުމެން އާންމު ގޮތެއްގައި މިދަނީ ވިޔަފާއިއާއި އެހީ ހޯދުމުގެ އެއްބަސްވުން ތަކަކަށް. ވާހަކަ ދައްކައިގެން ވަރަށް ގިނަ ކަންތައްތައް ކުރިއަށް ދާގޮތަށް ހުރިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން އެދޭ ކަންކަމަކީ ބޮޑެތި ކަންތައްތަކެއް ކަމަށްވާތީ އެކަންކަން ހަމަޖެހުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ގަބޫލުފުޅުކުރަށްވާ ކަމަށެވެ.
"ރާއްޖޭގައި ކަންތައްތައް އޮންނަ އުސޫލުން އިންޑިއާގައި ވެސް ކަންކަން ހަމަޖައްސަން ވަގުތުކޮޅެއް އެބަ ބޭނުންވޭ. އަޅުގަނޑުމެން މިއެދޭ ކަންކަމަކީ ބޮޑެތި ކަންކަމަށް ވާތީ، އެމީހުންގެ ވެސް ރައްޔިތުންގެ މަޖިލީހުން ނަގަންޖެހޭ ހުއްދަތަކާއި މިކަންކަން ކުރާނެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނާ ހަމައަށް ވަރަށް ޕޮޒިޓިވްކޮށް ވަރަށް ބަލައިގަނެވޭ ޖަވާބުތަކެއް ދެއްވާފައި އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.