މި ސީޒަންގެ ކުރިއަށް ހުރިމެޗުތަކުގައި ވެސް މެންޗެސްޓާ ޔުނައިޓެޑުން ރޮބިން ވެންޕާސީ އާއި ވޭން ރޫނީ އެކުގައި ފެންނާނެ ކަމަށް އެކްލަބުގެ ކޯޗް ޑޭވިޑް މޮއެސް ބުނެފި އެވެ.

ވެންޕާސީއާއި ރޫނީއާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ފެތުރިފައިވާ ވާހަކަތަކަށް ރައްދު ދެމުން މޮއެސް ބުނީ، މިހާތަނަށް އެ ދެކުޅުންތެރިންގެ މެދުގައި އެއްވެސް ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ނުވާކަމަށެވެ. އަދި އެދެމީހުންނާ މެދު ކުލަބުން ކުރާ އުންމީދުތައް ވަރަށް ބޮޑުކަމަށް ވެސް މޮއެސް ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާތަކުގައި ވެންޕާސީ އާއި ރޫނީ އާއި ބެހޭގޮތުން ބޮޑަށް ދެކެވިފައި ވަނީ އެ ދެކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއަކު ޔުނައިޓެޑް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ.

މިސީޒަންގައި ވެންޕާސީ އަށް ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ފަލަމަސްގަނޑާއި ފައިގެ އިނގިއްޔަށާއި އުކުޅުވަޅަށް ލިބުނު އަނިޔާތަކާއި ގުޅިގެން ވެންޕާސީގެ މޮޅު ކުޅުން މިސީޒަނުގައި ފެނިފައެއް ނުވެއެވެ. އެންމެ ފަހުން ވެންޕާސީއަށް އަނިޔާވީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޝާހްތަރު ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޔުނައިޓެޑްގެ ކޯޗު ބުނީ ވެންޕާސީ މިހާރު ވެސް ކުދި ފަރިތަކުރުންތަކުގައި ބައިވެރިވަމުން ގެންދާ ކަމަށާއި އަދި ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ ކަމަށެވެ.

"ވެންޕާސީ ދަނީ ކުދި ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ގިނަ ދުވަސްތަކެއް ނުވެ އޭނާއަށް ކުޅުމަށް އެނބުރި އާދެވިދާނެ. މިސީޒަނުގައި ވެންޕާސީ އާއި ރޫނީ އެކުގައި ކުޅޭތަން މާގިނައިން ފެނިފައެއް ނުވޭ. އަހަރެން އުންމީދުކުރަނީ ސީޒަނުގެ ބާކީ އޮތް ތާގައި ވެސް އެ ދެ ކުޅުންތެރިން އެކުގައި ފެންނާނެ ކަމަށް " މޮއެސް ބުންޏެވެ.