01 Jan 2014, 12:37
ނިކަރާގުއާގެ ޗެމްޕިއަން ރެއަލް އެސްޓެލީގެ ބްރެޒިލް ފޯވާޑް ޖޯލްޓަން ޖޮނަތަން ސަމްޕާއިއޯ (ޖޯ) ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް، ސޮއިކޮށްފި އެވެ.
ނިކަރާގުއާ ޕްރިމިއާ ލީގު 13 ފަހަރު ކާމިޔާބުކޮށްފައިވާ އަދި 2011 ވަނަ އަހަރުން ފެށިގެން ލީގު ޗެމްޕިއަންކަން ހޯދަމުން އަންނަ ރެއަލް އެސްޓެލީ އާއި ގުޅުމުގެ ކުރިން އުމުރުން 25 އަހަރުގެ ފޯވާޑް ވަނީ، ބްރެޒިލްގެ ތަފާތު ޑިވިޝަންތަކުގެ ކްލަބްތަކަށް ކުޅެފަ އެވެ.
ނިއުރޭޑިއަންޓުން ބުނީ، އެޓީމަށް ބްރެޒިލްގެ ފުޓްބޯޅައިގެ ރަހަ ގެނެސްދޭނޭ ކުޅުންތެރިޔަކު އިތުރު ވެގެން ދިއުމަކީ އަންނަ ސީޒަންގައި ކްލަބުގެ "އެޓޭކިން ލައިން" ވަރުގަދަވެގެން ދާނޭ ކަމެއް ކަމަށެވެ.
ބްރެޒިލް ކުޅުންތެރިއަކު ނިއު އަށް ސޮއިކުރި އިރު އެ ކުލަބުން ވަނީ މިދިޔަ ސީޒަނުގައި އެކުލަބަށް ކުޅުނު ގާނާގެ ގައުމީ ޓީމް މިޑްފީލްޑަރު ޔޫސުފް ނޫރިއްދީން އާއި ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ އަދި ގީނީ ޑިފެންޑަރު ސީލާ މަންސާ އަންނަ ސީޒަނުގައި ނުގެންނަން ނިންމާފައެވެ.
އަންނަ ސީޒަނުގައި ނިއުއަށް ކުޅެން މިހާތަނަށް ސޮއި ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ.
އަންނަ ސީޒަންގައި ނިއުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ސްޕެއިންގެ ކޯޗެއް ކަމަށްވާ އަންހެލް ޕެރޭޒް ގާސިއާ އެވެ.