01 Jan 2014, 11:26
އޮޑިޓާ ޖެނެރަލް އޮފީސް އޮޑިޓް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީސް އޮޑިޓް ކުރުމަށް ރާއްޖޭގައި އޮޑިޓް ކުރުމުގެ ހުއްދަ އޮންނަ އޮޑިޓް ފާމެއް ހަމަޖެއްސުމަށް މާލިއްޔަތު ކޮމެޓީ އިން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ އޮޑިޓް ފާމްތަކުން އަންނަ އާދިއްތަ ދުވަހު 14:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މައުލޫމާތު ސާފުކޮށްދިނުން އޮންނާނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 14:00 އަށެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިންގާފައިވާ ގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމުކުރަން ޖެހެ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނިމިފައިވާ އިރު ސަރުކާރުގެ އިދާރާއަކާ ގުޅޭ ގޮތުން މިހާރު ނުކުމެފައި ވަނީ އެންމެ އޮޑިޓް ރިޕޯޓްއެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް އޮޑިޓް ރިޕޯޓްތައް އަދި ވެސް ނުނިކުމެ އެބަހުއްޓެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ބައެއް އޮޑިޓް ރިޕޯތްތައް ނުކުމެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ ގިނަ އޮޑިޓް ރިޕޯޓްތަކެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްތައް ނެރުން ލަސް ވެގެން އުޅެނީ އެ މަނިކުފާނު އަމިއްލަ ކަންކަމާއި ރާއްޖެ އިން ބޭރުގައި ގިނަ ދުވަސް ހޭދަކުރަން ޖެހުމުން ކަމަށެވެ.