01 Jan 2014, 11:09
އިބްރާހީމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓް (އައެންއައިއޭ) ކުރިން ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އަނބުރާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ހުޅުލޭ އެއާޕޯޓްގައި ދަތުރުފުޅާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ޖީއެމްއާރުގެ މައްސަލާގައި ސަރުކާރުން ގެންގުޅޭ ވިސްނުން ވަރަށް ސާފު ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޮޒިޝަން ވަރަށް ސާފު. އަޅުގަނޑުމެން މިހާރު މިއުޅެނީ ޖީއެމްއާރާ ދިމާވި މައްސަލައިގައި އާބިޓްރޭޝަންގައި. އާބިޓްރޭޝަން މިއޮތީ މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި. ދެން މުޅި އެއާޕޯޓް އަނބުރައި ޖީއެމްއާރަށް ދިނުމުގެ ވިސްނުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ހިންގަން ހަވާލުކުރި ކުންފުންޏާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައި އެއާޕޯޓް ހިންގުމާ އެމްއޭސީއެލް އިން ހަވާލުވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއްބަސްވުން ސަރުކާރުން އުވާލުމާ ގުޅިގެން ޖީއެމްއާރުން ވަނީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ވެސް ހުށަހަޅައިފަ އެވެ. އަދި ދެ ފަރާތުގެ އާބިޓްރޭޓަރުން ކަނޑައަޅައި އެ މައްސަލައިގެ އަޑުއެހުން އަންނަ އަހަރުގެ މާޗްމަހުގެ ފަހުކޮޅު ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފަހަރުގެ ދަތުރުފުޅުގައި ޖީއެމްއާރާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް އަދި މިހާތަނަށް ހަމަޖެހިފައި ނުވާ ކަމަށާއި އަދި އިންޑިއާ ސަރުކާރުން ވެސް އެފަދަ އިޝާރާތެއް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނާއި އިންޑިއާ ސަރުކާރުން މިވާހަކައެއް ނުދައްކަވާ. އަދި މިފަހަރު ވެސް އަޅުގަނޑު އިންތިޒާރެއް ނުކުރަން ޖީއެމްއާރުގެ ވާހަކަ އިންޑިއާ ސަރުކާރުގެ ފަރާތުން ދައްކަވައިފާނޭ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޖީއެމްއާރު މައްސަލައަކީ ދެ ސަރުކާރު ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި އެއީ ދެކުންފުނީގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށެވެ.
"އިންޑިއާ ސަރުކާރާ ހަމާގައި އުޅޭ މައްސަލައެއް ނޫން ޖީއެމްއާރު މައްސަލަ މިއީކީ. މިއީ ދެ ކުންފުނީގެ ދޭތެރޭގައި އުޅޭ މައްސަލައެއް. ދެން ދެ ކުންފުންޏަކީ ވެދާނެ ދެ ސަރުކާރަށް ވެސް މުހިއްމު ދެ ކުންފުނި ކަމަށް. އަޅުގަނޑުމެންނަށް އެއާޕޯޓް މުހިއްމުވަނީ، މިއީ އަޅުގަނޑުމެންނަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވަސީލަތަކަށް އެއާޕޯޓްވެފައި އަދި މިއީ ސަތޭކައިން ސަތޭކަ ސަރުކާރު ކުންފުންޏަކަށް ވާތީ. ހަމަ އެހެންމެ ޖީއެމްއާރު ވެސް މިހާރު އިންޑިއާގައި އޮތް ސަރުކާރަށް މުހިއްމު ބަޔަކަށް ވެދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ޔާމީން އިންޑިއާ އަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހަންމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ހުސައިން ޝަރީފާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ޣައްސާން މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހަންމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގައި ބޮޑަށް މަޝްވަރާކުރެވޭނީ ދެގައުމުގެ ދެމެދުގައި ވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އަދި ވިޔަފާރިއާއި އިގްތިސާދީ ގުޅުމާއި އަދި ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނޭ ކަމަށެވެ.