01 Jan 2014, 10:13
މިދިޔަ އަހަރު ރާއްޖެ އަށް 1.2 މިލިއަން ޓޫރިސްޓުން އައުމުން އެކަން ވަރަށް ކުލަގަދަކޮށް ރޭ ފާހަގަކޮށްފި އެވެ.
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަކީ 2012 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީ އިން ގެންގުޅުނު އަދި ބުރަ މަސައްކަތްތަކެއް ކުރި އަމާޒެކެވެ. ދެހާސް ބާރަ ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 958,027 އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އެއް މިލިއަންގެ ޓާގެޓަށް ވުރެ 41973 ޓޫރިސްޓުން މަދު އަދަދެކެވެ.
ނަމަވެސް މިދިޔަ 2013 ވަނަ އަހަރު ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓް ރާއްޖެ އައިސްފަ އެވެ.
މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ އިރު ބޮޑުބައެއް ހިއްސާ ކޮށްފައި ވަނީ އޭޝިއާ އާއި ޔޫރަޕުގެ ގައުމުތަކުންނެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސިޔާސީ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް އެ ޓާގެޓަށް ވާސިލުވެވުނީ ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މި އަހަރު އެއަށް ވުރެ ބޮޑު ޓާގެޓަކަށް ވާސިލު ވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އައުމުން އުފާފާޅުކުރުމަށް އަދި އާ އަހަރު ފެށުމާ މުނާސަބަތުކޮށް، ރޭ ކާނިވާ ސަރަހައްދުގައި އޮތް ހާއްސަ ސުޓޭޖް ޝޯގައި ވަނީ ތަފާތު ބޭންޑްތަކުން ލަވަތައް ހުށައަޅާދީފަ އެވެ. އަދި ބޮޑުބެރުގެ ހަރަކާތްތައް ވެސް ދައްކާލާފައިވެ އެވެ. އެޝޯ ބައްލަވާލެއްވުމަށް ބައެއް މިނިސްޓަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ. ރޭ އެޝޯ ނިމިގެންދިޔައީ އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބަޑިބޭހުގެ ކުޅިވަރުތަކާ ވެސް އެކު އެވެ.