ޕެރިސް (ޖަނަވަރީ 1): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ 130,000ހާހަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ހާމަކޮށްފި އެވެ.

އެ ޖަމާއަތުން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މިހާތަނަށް 130433 މީހުން މަރަލާފައިވާކަން ރެކޯޑްތަކުން ދައްކާ ކަމަށާއި ނަމަވެސް މަރުވެފައިވާ މީހުންގެ ހަގީގީ އަދަދު މިއަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ. ސޫރިޔާގައި ހިނގަމުންދާ އަރާރުންތައް 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުރަތަމަ ފެށިފައި ވަނީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވުނު ދެކޮޅުވެރި އިހްތިޖާޖްތަކެއްގެ ގޮތުގަ އެވެ.

ދެކޮޅުވެރި އިހްތިޖާޖްތަކާއި މުޒާހަރާތަކެއްގެ ގޮތުގައި ފެށުނު މިއަރާރުންތަކާއި ހަމަނުޖެހުންތައް ހަތަރު ފަސް މަހެއްގެ ތެރޭގައި ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައަކަށް ވަނީ ބަދަލުވެގެން ގޮސްފަ އެވެ. ސޫރިޔާގެ އިދިކޮޅު ހަރަކާތްތައް ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައީ ސޫރިޔާގައި ވެރިކަންކުރާ ޝިޔަޢީ ޢަލަވީންނާއި އެމީހުންނާ އިދިކޮޅު ސުންނީންނާ ދެމެދުގައިވާ މަޒްހަބީ ދެކޮޅުވެރިކަމުގެ ސަބަބުންނާއި ސުލްޙަވެރި އިހްތިޖާޖްތަކާ ދެކޮޅަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެއިތުރުން ޢަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް ސޫރިޔާގެ އަރާރުމުގެ ތެރެއަށް ވަދެގެންދިޔުމާއި އީރާނާއި ސައޫދީ އަރަބިޔާ ފަދަ ސަރަހައްދީ ބޮޑެތި ބައެއް ގައުމުތަކުން ހިންގާ ބާރާއި ނުފޫޒުގެ އޮއިވަރުތަކާއި ހުޅަނގުގެ ގައުމުތަކާއި ރަޝިޔާ އިން ގެންގުޅޭ އަތްގަދަ ކުރުމާއި އިސްތިޢުމާރީ ސިޔާސަތުތައް ވެސް ސޫރިޔާ ގައި ދާޚިލީ ހަނގުރާމަ ފެށުމާއި ސޫރިޔާ ހަލާކޮށްލުމުގައިމުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

"ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނާ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލާފައިވާ 130,000ހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިންބައިކުޅެ އެއްބަޔަކީ ކުށެއްނެތް އާންމުންނެވެ. މަރާލާފައިވާ ޢަންމުންގެ ތެރޭގައި 11700 އަށްވުރެ ގިނަ އަންހެނުންނާ ކުޑަކުދިން ހިމެނޭއިރު ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާއެޅި މީހުންގެ ތެރެއިން ނަވާވީސް ހާހަށް ވުރެ ގިނަ މީހުން މިހަނގުރާމައިގާ ފަނާވެގެން ގޮސްފައިވެ އެވެ.

"ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލެވޭ މީހުންގެ ތަފާސްހިސާބު ވަރަށް ރަނގަނޅަށް ބަލައި ދިރާސާކުރާ ޖަމާއަތެކެވެ. މިކަން ބެލުމަށްޓަކައި އެޖަމާއަތަށް ނިސްބަތްވާ ގިނައަދަދެއްގެ ބަޔަކު ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެޖަމާއަތުން ހާމަކުރި ތަފާސް ހިސާބުތަކުގެ ރިޕޯޓް ދައްކާގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލެވިފައިވާ މީހުންގެ ތެރޭގައި ސޫރިޔާ ސިފައިންނާއި ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ހަނގުރާމަވެރިންގެ 52000އަށްވުރެ ގިނަމީހުންނާއި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ ޢަރަބި އިސްލާމީ އެހެން ގައުމުތަކަށް ނިސްބަތްވާ ފަސްހާހަށްވުރެ ގިނަމީހުން ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ބައްޝާރުގެ ސަރުކާރަށް އެހީތެރިވާ ޝިޔަޢީ ހަނގުރާމަވެރިންނާއި އިދިކޮޅު ފަރާތްތަކަށް އެހީތެރިވާ ސުންނީ ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ. (އަލްޖަޒީރާ)