އޮކްލެންޑް (ޖަނަވަރީ 1): ދުނިޔޭގެ ގައުމުތަކުން މީލާދީ އައު އަހަރު ކަމަށްވާ ދެހާސް ސާދަ ވަނައަހަރަށް މަރްހަބާ ކިޔައިފި އެވެ.

މީލާދީ އައު އަހަރު ފެށުމުގެ އިހްތިފާލްތައް ބާއްވައި އައު އަހަރަށް އެންމެ ފުރަތަމަ މަރްޙަބާކީ ގައުމުތަކުގެ ތެރޭގައި ނިއުޒިލޭންޑާއި އޮސްޓްރޭލިޔާ އާއި ޕެސިފިކާއި އިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނެ އެވެ. އައު އަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން ނިއުޒިލޭންޑްގެ އޯކްލޭންޑާއި އޮސްޓްރޭލިޔާގެ ސިޑްނީއާއި އިންޑޮނީޝިޔާގެ ޖަކާޓާއާއި ޗައިނާގެ ބެއިޖިންގް އާއި ތައިލެންޑްގެ ބެންކޮކް އާއި މެލޭޝިޔާގެ ކުއާލަލަންޕޫރާއި ސިންގަޕޫރު ފަދަ ޕެސިފިކާއި އިރުމަތީ އޭޝިޔާގެ ބޮޑެތި ސިޓީތަކުގައި ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން އެކިބާވަތުގެ ނެށުމާއި މިޔުޒިކީ ހަފްލާތައް ވަނީ ބާއްވާފަ އެވެ.

އައު އަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތައް އެންމެ ބޮޑަށް ބާއްވާފައި ވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއި ގަ އެވެ. ދުބާއި ގާ ބޭއްވި ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކަކީ މިކަމުގެ މިހާތަނަށް މިކަމުގައި ދުނިޔޭގެ ރެކޯޑް ކަމަށް ޚަބަރުތައް ބުނެ އެވެ. ޢަރަބި ގައުމުތަކުގެ ތެރޭން އައު އަހަރުގެ އުފާފާޅުކޮށްފައި ވަނީ ގަލްފުގެ ޢަރަބި ގައުމުތަކުންނެވެ. ޚާއްސަކޮށް ޔޫއޭއީ އާއި ބަހްރައިންއާއި ގަތަރުގައިވަނީ ބަޑިބޭހުގެ ކުޅިވަރުތައް ބާއްވާފަ އެވެ. މީލާދީ އައު އަހަރުގެ އުފާ ދުނިޔޭގެ ގައުމުތަކުން ފާޅުކުރަމުން ގެންދާއިރު އަރަބި ގިނަ ގައުމުތައްވަނީ ދާޚިލީ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގެ ތެރެއަށް ގެނބިފަ އެވެ. މިގޮތުން ސޫރިޔާ، ލުބްނާން، މިސްރު، އަލްޖަޒާއިރު، ޢިރާޤު، ލީބިޔާ، ތޫނިސް، ޔަމަން އަދި ސޫދާންގައި ދަނީ ދާޚިލީ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ހިނގަމުންނެވެ. މީގެތެރެއިން ޚާއްސަކޮށް ސޫރިޔާ ފާހަގަކޮށްލެވެ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ވެސް އައު އަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން އެކިބާވަތުގެ ނެށުމާއި މިޔުޒިކީ ހަފްލާތައް ވަނީ ބާއްވާފަ އެވެ. ދުނިޔޭގެ ގައުމުތަކުން މީލާދީ އައު އަހަރު ކަމަށްވާ ދެހާސް ސާދަ ވަނައަހަރަށް މަރްޙަބާ ކިޔާފައިވާ އިރު ދުނިޔޭގެ ރައްޔިތުންގެ ގިނަ ބަޔަކު އައު އަހަރާމެދު ދެކެނީ އުންމީދުން ފުރިގެންވާ އަހަރަކަށް ވުރެ، އުންމީދުތައް ކުޑަ އަހަރެއްގެ ގޮތުގައި ކަމަށް ވެން ގްލޯބް ފައުންޑޭޝަނުންކުރި ޢާންމު ޚިޔާލު ހޯދުމުގެ ސާވޭއަކުން ވަނީ ހާމަވެފަ އެވެ. ފާއިތުވި 2013 ވަނަ އަހަރަކީ ދުނިޔޭގައި ހަމަނުޖެހުންތައް ބޮޑު ކާރިސާ ތައްގިނަ އަދި އިޤްތިސާދީ ފުދުންތެރިކަންކުޑަ އަހަރެއް ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)