11 Dec 2010, 11:15
ސައުދި އަރަބިއްޔާ އާ ވާދަކޮށް އެއް ވިކެޓުން އޭސީސީ ޓުރޮފީ ޖެލެންޖު ކަޕުގެ ޖެމްޕިއަންކަން ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމު ހޯދައިފި އެވެ.
ތައިލޭންޑުގައި މިހާރު ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހެނދުނު ސައުދީ ޓީމުން ކުޅެން އަރައި 43.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ދެވުނީ 139 ލަނޑެވެ.
ޖަވާބުގައި ރާއްޖޭގެ ޓީމުން ކުޅެން އަރައި 41 އޯވަރުގެ ތެރޭގައި 140 ލަނޑު ހަދައިފައި ވަނީ ނުވަ ވިކެޓަށެވެ.
މެޗުގެ މޭން އޮފް ދަ މެޗަކަށް އިސްމާއިލް ނިހާދު ހޮވުނު އިރު އަބްދުﷲ ޝާހިދު ވަނީ މި އިނިގްސްގައި 30 ލަނޑު ހަދައިފަ އެވެ.
ރާއްޖެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސެމީފައިނަލްގައި 121 ލަނޑުން ގަތަރު ބަލި ކޮށްގެންނެވެ. މީގެ ކުރިން ރާއްޖެ ވަނީ މި މުބާރާތުގައި ސައުދީ ކައިރިން ގުރޫޕް ސުޓޭޖްގައި ބަލިވެފަ އެވެ.
މިއީ ސަރަހައްދީ ކުރިކެޓްގައި ރާއްޖެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭސީސީން ބާއްވަމުން އައި އިމާޖިން ނޭޝަންސް ކަޕް މުބާރާތް 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްފައި ވަނީ ވެސް ރާއްޖެ އެވެ. އެ މުބާރާތް ހުއްޓާލާފައި ވަނީ 2006 ވަނަ އަހަރު އެވެ.