އެކާވީސް ވަނަ ހިޓާޗީ އެމްބީއޭ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ ހޯދާފައިވަނީ ފައިނަލްގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި އާރުއެލްސީއާ ބައްދަލުކޮށް 67 ޕޮއިންޓް 62 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ޑީއެސްސީގެ އަންހެން ޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ތިން ފައިނަލް މެޗެއް ކުޅެފައިވާއިރު، މީގެ ކުރިން ކުޅެވުނު ފައިނަލްގެ ދެމެޗްގެ ތެރެއިން ޑީއެސްސީވަނީ އެއްމެޗު ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އާރުއެލްސީގެ ފާތިމަތު ރިޝްމާ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެސްޓިއޯ މަކީޓާ ބްރޭންޑްގެ މެނޭޖާ ފާތުމަތު ފާޒަތެވެ.

މުބާރާތުގެ ވަނަތަކަށް ބަލާއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގަމަށް ހޮވިފައިވަނީ ޑީއެސްސީގެ ނަސްރާ އާމިރާ އެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއެސްސީގެ އާމިނަތު ރިޝްމާ އެވެ. މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއެސްސީގެ ޝިޒްނާ ރަޝީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމަށް ހޮވިފައިވަނީ ޑީއެސްސީ ޓީމްގެ ކޯޗު މުހައްމަދު ވަހީދެވެ.