31 Dec 2013, 19:55
މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު މިއަދު އިސްތިއުފާދެއްވިއިރު އެ މަގާމުގައި ހުންނެވި އެންމެ ފަހު ވެސް ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް އާދޭހާއެކު ގޮވާލައްވައިފި އެވެ.
ގަވަރުނަރުކަމުގެ މަގާމުގައި ހުންވައި ބޭއްވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފަޒީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމާ ނުބައްދަލު އޮނިގަނޑެއް މިއަދު ގައުމުގައި އޮތުމުން ކަމަށެވެ. އެގޮތުން ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ހަރަދުތައް މާބޮޑު ކަމަށާއި އެހެންކަމުން އެހަރަދުތައް ފޫބެއްދުމަށް ފައިސާ ޖަހަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
"ސެންޓްރަލް ބޭންކްއަކުން ކޮށްގެންވާނެ ކަމެއް ނޫން ފައިސާ ޗާޕްކޮށްގެން ނެރުމަކީ. މިހާ އިގްތިސާދު ދެރަވަރުކޮށް އޮތް ދުވަސްވަރެއްގައި، ހާއްސަކޮށް ބޭރުފައިސާގެ ބާޒާރުގައި އޮތް ދަތިތައް އޮތް ދުވަސްވަރެއްގައީ،" ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ފަޒީލް ވިދާޅުވީ ދިވެހި ފައިސާ އިތުރުވުމުގެ ސަބަބުން ބޭރު ފައިސާ ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާތީ އެންމެ ރަނގަޅު ގޮތަކީ ސެންޓްރަލް ބޭންކުން ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެގޮތަށް ޗާޕްކުރުމުން ބޭރު ފައިސާ ލިބޭ ވަރަށް ވުރެ މާ މަތިކޮށް ދިވެހި ފައިސާ އިތުރުވަމުން ދާކަމީ އިގްތިސާދަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި އިގްތިސާދު ރަނގަޅުކުރުމަށްޓަކައި މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ފަޒީލް ވިދާޅުވީ އާމްދަނީ އިތުރުކުރުމާއި ދައުލަތުގެ އޮނިގަނޑު ހެޔޮ ގޮތަކަށް ބަދަލުކުރުމަށްޓަކައި ފާސްކުރަންޖެހޭ ގާނޫނުތައް ފާސްކުރުމުގައި މަޖިލިސް ރަނގަޅަށް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މަނިޓަރީ ޕޮލިސީ ފުރޭމްވޯކް ގެނެސްފައި ވީނަމަވެސް އޭގެ އެންމެ އެކަށީގެންވާ ނަތީޖާ ހާސިލް ވެގެން ނުދާ ކަމަށާއި އެކަން ކުރުމަށް ފިސްކަލް ސިޔާސަތު ތާށި ކުރަންޖެހޭ ކަމަށެވެ.
ގަވަރުނަރުގެ މަގާމްގައި ފުރުއްވި ފަސް އަހަރު ތެރޭގައި ހޯދެއްވި ކާމިޔާބީތަކުގެ ތެރޭގައި ބޭންކިން ގާނޫނެއް ތައާރަފްވެގެން ދިއުމާއި ބޭންކްތަކާއި މާލީ ދާއިރާތައް ރެކިއުލޭޓްކުރެވޭނެ ގަވައިދެއް އެކުލަވާލުމާއި އިންޝުއަރެންސް ދާއިރާ ރެގިއުލޭޓް ކުރުމުގެ ހަރުދަނާ އުސުލްތައް އެކުލެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެންޓި މަނީލޯންޑްރިން އޮނިގަނޑެއްގެ ތެރެއިން ގިނަ އިދާރާތަކެއް ބައިވެރިވާ ގޮތަށް އޮޕަރޭޝަނަލް ލެވަލްގައި ގިނަ ކުރިއެރުންތަކެއް ހޯދުނު ކަމަށް ވިދާޅުވި އެވެ.
މިހާރު ފެށި އަދި ނުނިމި ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ގަވަރުނަރު ފާހަގަކޮށްފައި ވަނީ މަނީލޯންޑްރިން ގާނޫނެއް އެކުލަވާލުމާއި ބޭންކިން ގާނޫނަށް އިސްލާހުގެނައުމާއި އެމްއެމްއޭއަށް އާ ގާނޫނެއް ފާސްކުރުމުގެ އިތުރުން އިންޝުއަރެންސް ގާނޫނެއް ފާސްކުރުމާއި ރަހުނުގެ ގާނޫނެއް ފާސްކުރުމެވެ. އަދި އޭގެ ތެރެއިން ގިނަ ގާނޫނުތައް ފާސްކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
މުސްތަގުބަލުގައި ފެންނާނީ ކޮން ދާއިރާއަކުންތޯ "ސަން" އިން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ "މިތަނުން ދެން ދާނީ ގެއަށް" ކަމަށެވެ. ސަރުކާރުގެ މަގާމެއް ފުރުއްވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ މުސާރަ ނަގާގޮތަށް ދައުލަތުގެ އެއްވެސް މަގާމެއް ނުފުރުއްވާނެ ކަމަށާއި ދައުލަތައް ކަމެއް ކޮށްދެއްވާނަމަ ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށެވެ. އަދި ސިޔާސީ ދާއިރާއިން ނުފެންނާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.