ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ތިން ގޮނޑިއަކަށް އެމްޑީޕީގެ ފަރާތުން ހަމައެކަނި ވާދަކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް ލިބިއްޖެ އެވެ.

އަންނަ އަހަރުގެ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ތިން ބޭފުޅުންނަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމުގެ ޓިކެޓް ލިބުނީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރުން އިންތިހާބުވި ދާއިރާތަކަށެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ ތިން ދާއިރާއަކަށް ޕާޓީގެ ފަރާތުން ވާދަކުރާނެ ތިން ކެންޑިޑޭޓަކު ހޮވިފައިވާތީ ޕްރައިމަރީ ބާއްވާނީ މާލޭގެ 10 ދާއިރާއަކަށް ކަމަށެވެ. އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި 10 ދާއިރާއަކަށް 30 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.

ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަނީ މިހާރު ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން މ. ގުލްހަޒާރުގެ ރީކޯ މޫސާ މަނިކާއި ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހ. ސީވީޑް ހަސަން ލަތީފެވެ.

އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާއަށް ފަސް ބޭފުޅު ވާދަކުރައްވަ އެވެ. އެއީ މިހާރު ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު ހ. ޝޭޑީކޯނާ ހާމިދު އަބްދުލްޣަފޫރާއި މާލޭ ސިޓީ ކައުންސިލަރް މެމްބަރު ހ. ރުކުމާގެ މުހައްމަދު އަބްދުލް ކަރީމާއި ހ. މެގްނޯލިއާ އިބްރާހިމް ނަޝީދާއި ހ. ސިޓްރަސް އަލީ އާރިފުގެ އިތުރުން ހ. ސީސައިޑް އައިޝަތު އަލީ ނާޒެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް މަޖިލީހުގެ ރައީސް ހ. ރަބީއީމަންޒިލް އަބްދުﷲ ޝާހިދު ނުކުންނަވާނެ އެވެ. އޭނާއާ ވާދަ ކުރަނީ ދ. ކުޑަހުވަދޫ، ހިކިފިނފެންމާގެ، މުހައްމަދު ޝަރީފެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އެ ދާއިރާގެ ސިޓީ ކައުންސިލަރު ގ. ޗާންދަނީމާގެ އިބްރާހިމް ސުޖާއު ވާދަ ކުރައްވަ އެވެ. އޭނާއާ ދެކޮޅަށް ޕްރައިމަރީގައި ނުކުންނަވަނީ ހ. އަމަން ޒުބައިރު އަހުމަދު މަނިކުގެ އިތުރުން ގ. ކަނޑުވައިގެ އާދަމް ޝަރީފެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ދެ އަންހެން ބޭފުޅުންނެވެ. އެއީ މިހާރު ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު މއ. ކޮމްރެޑްވިލާ މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީ ސަރުކާރުގައި ޖޭއެސްސީއަށް ރައީސް ނަޝީދު އައްޔަން ކުރެއްވި މއ. ޝިމާގް އައިޝަތު ވެލެޒިނީ އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ކުރީގެ ގޮނޑި ފުރުއްވި މއ. ބޯގަންވިލާ އިބްރާހިމް އިސްލާއިލް (އިބްރާ) ވާދަ ކުރައްވަ އެވެ. އޭނާއާ ދެކޮޅަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކޮއްކޮ މ. ފިނިވާގެ 2، ނޫރުބާން ފަހުމީ ވެސް ވާދަ ކުރައްވަ އެވެ. އަދި މާލެ ދަފްތަރު މުހައްމަދު އިލްހާމާއި އިތުރުން މއ. ފެރިދޫހިޔާ އައިޝަތު ނަދީމާ ވެސް މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރައްވަނީ މ. ކުޑަވެޔޮމަތީގެ މުހައްމަދު ފަލާހާއި މ. އަބީރު އާދިލް މުހައްމަދާއި މ. ޝަހްއާބާދު އަބްދުﷲ ޝުޖާއު އެވެ.

މާފަންނު މެދު ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި މިހާރު ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު މ. ޕޮމްޕިޔާ އިބްރާހިމް ރަޝީދު (ބޮންޑޭ) ވާދަ ކުރައްވަ އެވެ. އޭނާއާ ދެކޮޅަށް އެ ދާއިރާގެ މާލޭ ސިޓީ ކައުންސިލަރު މ. ސީޑް މުހައްމަދު އައިމަން އިސްމާއިލު ވާދަ ކުރައްވާނެ އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ގދ. ފަރެސްމާތޮޑާ، ގުލްފާމް، މުހައްމަދު އަސްލަމް ވާދަ ކުރައްވަ އެވެ. އަދި މ. ކަރޭޖް ޝިޔާމާ އަހުމަދާއި ގ. ރަސްތަރި އިމްޝާޒް ނަސީރުގެ އިތުރުން ހ. ލަކީ އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ނުކުންނަވަނީ މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީއަށެވެ.

އެމްޑީޕީ ޕްރައިމަރީއަށް ވިލިމާލެ ދާއިރާއަށް އަދާލު ޕާޓީގެ ކުރީޣެ ރައީސް ވ. މިއަރެސް، ހުސައިން ރަޝީދު ހަސަން ވެސް ވާދަކުރައްވަ އެވެ. އަދި މ. ޒޭވަރު މުހައްމަދު ވަޒީލް ރަޝީދުގެ އިތުރުން މާލެ ދަފްތަރު އަބްދުﷲ ހަސީނު ވެސް ވިލިމާލެއަށް ދާއިރާގެ ޕްރައިމަރީއަށް ނުކުންނަވަ އެވެ.