31 Dec 2013, 17:52
ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) އޭޓީއެމް އަކުން ފައިސާ ނެގި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ވަނީ ހޯދަމުންދާ މީހާ ފައިސާ ނަގަނިކޮށް، ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ވީޑީއޯ އިން ފެންނަނީ ޒުވާން އުމުރުގެ ފިރިހެނެއް ކުރިން ސްޓެލްކޯ ކައިރީގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް އަކަށްވަދެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑެއް ބޭނުންކޮށްގެން އޭޓީއެމް ބޭނުންކުރަމުންދާ މަންޒަރެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ވީޑިއޯ އިން ފެންނަ މީހާ ވަގަށް ނަގާފައިވާ ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ނަގާފައި ވަނީ ހަމައެކަނި ވީޑިއޯ އިން ފެންނަ އޭޓީއެމް އިންނެވެ. އަދި އެ މީހުން އެކަން ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111، ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައިދިނުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެފަދަ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ ބީއެމްއެލްގެ އެކައުންޓްތަކަކުން، އޭޓީއެމް މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެގި ބިދޭސީ ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.