31 Dec 2013, 16:14
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް ކުރިން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި އަދި ކްލަބު ވެލެންސިޔާގެ ކޯޗުކަން ކޮށްފައިވާ މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން މަހިބަދޫ ސްޕޯޓްސްގެ ފައުންޑާ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބުނީ މޯހަން އެޓީމުގެ ކޯޗުކަމާ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
"މޯހަން މި މަގާމަށް މި ހަމަޖެއްސީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހު. މޯހަން އަކީ މި ވަގުތު ފީލްޑްގައި މަސައްކަތްކުރާ އެންމެ ރަނގަޅު ކޯޗު،" މޯހަންގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓަށް ކުޅުނު ޓޮމް ބުންޏެވެ.
ޓޮމް ބުނީ މޯހަންއާ އެކު އެ ޓީމުން ކުރިއަށް އޮތް ސީޒަންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރެލިގޭޝަނުން ސަލާމަތްވުން ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އެދެވޭ ކާމިޔާބެއް ލިބޭނެ ކަމަށް. އެންމެ ބޮޑު ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތްވުން. އެއީ އަޅުގަނޑުމެން ކޮންމެހެން ވެސް ބޭނުންވާ ކަމަކީ،" ޓޮމް ބުންޏެވެ.
މޯހަން ބުނީ މަހިބަދޫ ސްޕޯޓްސްގެ ކޯޗުކަމާ ހަވާލުވީ ދިވެހި ފުޓްބޯޅަ އަށް ކުރިއެރުންތަކެއް ހޯދައިދިނުމުގެ އުންމީދުގައި ކަމަށާއި އަދި އެ ޓީމުގެ އެންމެ މުހިއްމު ޓާގެޓް ކަމަށްވާ ރެލިގޭޝަނުން ސަލާމަތް ވެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން މިހާރު ވެސް އެބައޮތް ކަމަށެވެ.
"މިއީ ފަސޭހަ ޓާސްކެއް ވެސް ނޫން. އުނދަގޫ ކަމެއްކަން އެނގިހުރެ މި ހަވާލުވީ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ ކުރި އެރުވޭނީ ހަމައެކަނި މާލޭގެ ޓީމެއްގައި ކޯޗުކޮށްދީގެނެއް ނޫން،" 2012ވަނަ އަހަރު ނިއު އަށް ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ކޯޗު ބުންޏެވެ.
މޯހަން އިތުރަށް ބުނީ، މަހިބަދޫ ޓީމާ ހަވާލުވުމަށް ފަހު އެޓީމަށް ފުރަތަމަ ޑިވިޝަންގައި ތަޖްރިބާ ލިބިފައިވާ ކުޅުންތެރިންތަކެއް ހޯދަން ބާރު ނާޅާނޭ ކަމަށާއި އަދި އޭގެ ބަދަލުގައި މަސައްކަތްކުރާނީ އާ ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ނެރެން ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ރަށު ކުޅުންތެރިން ނުވަތަ އަތޮޅުގައި ތިބި ކުޅުންތެރިންނަށް ފުރުސަތުދީ، އާ ކުޅުންތެރިންތަކެއްގެ، އާ ހުނަރުތައް ގަލޮޅު ދަނޑަށް ނެރުން.،" މޯހަން ބުންޏެވެ.
މަހިބަދޫ ސްޕޯޓްސްގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ޓޮމް ބުނީ އެ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މަހިބަދޫގައި ކަމަށެވެ.