31 Dec 2013, 15:46
ހޮސްޕިޓަލާއި ނަރުދަމާ އާއި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށްފައި ނެތް ރަށްތަކުގެ އިތުރުން 24 ގަޑިއިރުގެ ކަރަންޓާއި ފެނުގެ ޚިދުމަތް ނުލިބޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަ ދޫނުކުރާގޮތަށް ހަމަޖައްސައިފި އެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ ޓޫރިސްޓު ހޮޓާ ތަރައްގީ ކުރުމާއި ހިންގުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގަ އެވެ.
ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނެ ތަންތަން ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކުއްޔަށް ދޫކުރާ ބިމާއި ސަރަހައްދުތައް ޓޫރިޒަމް މިނިސްޓްރީން ދުރާލައި އިއުލާން ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭ ތަންތަނަކީ ބިމާބެހޭ ގާނޫނުގެ ދަށުން އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ބިމަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެ ގަވާއިދުގައި ބުނެފައި ވަނީ ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ޓޫރިސްޓު ހޮޓާތައް ބަލައި ޗެކްކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.