ގައުމުގައި ގާނޫނުގެ ވެރިކަން ތަންފީޒުވަމުން އަންނަ ކަމުގެ ޔަގީންކަން މިހާރު ރައްޔިތުންނަށް ލިބިފައިވާ ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ހދ. މަކުނުދޫގައި ޑީއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންގެ މައްސަލައިގައި ޑީއާރުޕީން ގެންގުޅުނު ސިޔާސަތަށް، ބައިނަލްއަގުވާމީ މުޖުތަމައު އާއި ރައްޔިތުންގެ ތާއީދު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ޑީއާރުޕީން މުހިއްމު ދައުރެއް އަދާކޮށްގެން ކުރި މަސައްކަތުން މިއަދު އެކަން ހަމަމަގަށް އެޅިގެން ގޮސްފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ކެބިނެޓުން ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމާއި އަލުން އެ ބޭފުޅުންނަށް މަގާމުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅަށް އިޝާރާތް ކުރައްވައި ތަސްމީން ވިދާޅުވީ، އެކަމަކީ ސަރުކާރު ނުރުހޭގޮތަށް ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައްދާން ފެށުމުން، މަޖިލީހަށް ގޮންޖައްސަވައި މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކައިގެން ސަރުކާރު ބޭނުން ގޮތަކަށް މަޖިލިސް ބައްޓަންކޮށްލެވިދާނެ ކަމުގެ އުއްމީދުގައި ރައީސް ނަޝީދު ބާރު އަޅުއްވައިގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި އެއަށް ފަހު ރައްޔިތުންގެ މަޖިލީހަށާއި ސިޔާސީ ޕާޓީތަކަށް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


"ރައީސުލްޖުމްހޫރިއްޔާ ބާރު އަޅުއްވައިގެން ނޫނިއްޔާ، ހުރިހާ ވަޒީރުން އިސްތިއުފާދެއްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ވަޒީރުންގެ އިސްތިއުފާއަށް ފަހު މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ބިރު ދައްކަން. ސިޔާސީ ޕާޓީތަކަށް ބިރުދައްކަން. އެކަމުގައި ޑީއާރުޕީން އަމަލުކުރީ އަޅުގަނޑުމެންނަށް ވިސްނުނު އެންމެ ރަނގަޅަށް. ދިވެހި ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް. އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އިންޒާރު ދެއްވައި ރައީސް ވާހަކަ ދެއްކެވީމާ އެކަމަށް ޖެހިލުން ނުވާނެ ކަމަށާއި އެއަޑު ނާހާނެ ކަމަށާއި އެކަން ގަބޫލު ނުކުރާނެކަމަށާއި ސަރުކާރުން ދައްކާ ބިރަކަށް ކިޔަމަންނުވާނެކަން އެންގިން،" ޑީއާރުޕީގެ ލީޑަރު ވިދާޅުވި އެވެ.


ތަސްމީނު ވިދާޅުވީ، ވަޒީރުންގެ އިސްތިއުފާއަށް ފަހު، މަގުސަދު ހާސިލް ކުރުމަށްޓަކައި، ސަރުކާރުން މަސައްކަތް ކުރީ، މާލެތެރެ ހަލަބޮލިކޮށްލުމަށް ކަމަށެވެ. އަދި އެ ވަގުތުގައި އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުތް ނަމަ ސަރުކާރުގެ މަގުސަދު ހާސިލްވުމަށް މަގުފަހި ވީސް ކަމަށާއި އެމަޅީގައި ނުޖެހި ޑީއާރުޕީން މަސައްކަތް ކުރީ ހިކުމަތްތެރިކަމާ އެކު ސަރުކާރާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަ ދައްކައިގެން ހައްލު ހޯދެން އޮތް ކޮންމެ ކަމެއްގައި ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


"އަޅުގަނޑުމެން މަސައްކަތްކުރީ ޒިންމާދާރުކަމާ އެކު. ސަރުކާރާ އެކު ވާހަކަ ދެއްކިން ބައިނަލްއަގްވާމީ ފަރާތްތައް އަޅުގަނޑުމެންގެ ކައިރިއަށް އައުމުން އެމީހުން މެދުވެރިކޮށްގެން ވެސް ވާހަކަ ދެއްކިން. ނަމަވެސް އޭގެ ބޭނުމަކީ އަޅުގަނޑުމެން ގަބޫލު ނުކުރާ ކަންތައްތައް ދޫކޮށްލުމެއްނޫން. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައި ގޭގެއަށް ގާއުކާހަދަން ފެށުމުން އަޅުގަނޑުމެން ވެސް މަގުމައްޗަށް ނުކުމެ އެކަންކަމާ ޖަދަލުކޮށް އެކަންކަން ހުއްޓުވިން. މިއަދު ނިކުމެފައި މިވާ ނަތީޖާ ނިކުމެފައި މިވަނީ، ވަރަށް ވިސްނައިގެން މިކަން ކުރީމަ،" އޭނާ ވިދާޅުވި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ތަސްމީން ވިދާޅުވީ، މިހާރު ފެންނަމުން ދަނީ، ރައްޔިތުން ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގައިތިބިތަން ކަމަށެވެ. އެއީ ރަށްރަށުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދަމުން ދާތީ، ކަމަށާއި ރައްޔިތުންނަށް ޖެހިފައިވާ ހާލަތު މިއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކޮށް ގައުމު އަލުން އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުމުގެ ޒިންމާ އަކީ މިއަދު ޑީއާރުޕީގެ ގޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެމްޑީޕީން އިންތިހާބަށް ނެޜޭ ފަރާތްތައް ބަލިކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީކަމުން އިންތިހާބު ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ތަސްމީން ގޮވައިލެއްވި އެވެ.