އިގްތިސާދުގައި މަސްވެރިކަމުގެ އެކްސްޕޯޓުން ކުރާ ހިއްސާ އިތުރުކުރުމަށް އަންނަ އަހަރު ބާއްވާ ސީފުޑް އެކްސްޕޯ 2014 ގައި ރާއްޖޭން ބައިވެރިވުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓަރީން ބުނީ އިގްތިސާދުގައި މަސްވެރިކަމުގެ އެކްސްޕޯޓުން ކުރާ ހިއްސާގެ މިންވަރު އިތުރުކޮށް އެކްސްޕޯޓްކުރާނޭ މާކެޓްތަކުގެ އިތުރު ފުރުސަތުތައް ހޯދުމަށްޓަކައި އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީފުޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވުމަށް މަސްވެރިކަން ޕްރޮމޯޓްކުރަން ސަރުކާރުން އުފެއްދި، މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު( އެމްއެފްޕީބީ) ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ 16-18 އަށް އެމެރިކާގެ ބޮސްޓަންގައި ބޭއްވުމަށް ހަމެޖެހިފައިވާ އެ ފެއާގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް ވެސް ބައިވެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.