ބްރައިޑް މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ "ބްރައިޑް ފެއާ"ގެ މެއިން ސްޕޮންސަރަކަށް އަންނަ އަހަރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ހަމަޖައްސައިފި އެވެ.

ބްރައިޑް ފެއާގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖެއްސި އެއްބަސްވުމުގައި ސޮއި ކުރީ އެލައިޑް އޮފީހުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެލައިޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބްރައިޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މުހައްމަދު ޝާފީ އެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޝާފީ ވިދާޅުވީ ބްރައިޑް ފެއާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ފެއާއެއް ކަމަށާއި އެގޮތުން އެފެއާގެ ތެރެއިން ވަޒީފާ ނެތް ޒުވާނުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް މަގުފަހިކޮށްދެވޭނެ ކަމަށެވެ.

"ކިޔަވައި ނިމިގެން ނުކުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ބޭނުންވޭ. ނަމަވެސް ދިވެހިން ލިބޭނެ ބައެއް ވަޒީފާތަކަށް ބޭރުން މީހުން ގެނެސް ވަޒީފާ ދެމުންދާތީ ޒުވާނުންގެ ތެރެއިން ހުނަރު ތިބި ކުދިންނަށް އެ ފުރުސަތު ލިބުމުގައި ދަތިތަކެއް އެބަ ކުރިމަތިވޭ. މިފެއާގެ ސަބަބުން އެފުރުސަތުތައް ހުޅުވާލެވޭނެ،" ޝާފީ ވިދާޅުވި އެވެ.

އެލައިޑުގެ ޖީއެމް ރިޔާޒީ ވިދާޅުވީ ބްރައިޑް ފެއާގައި އެލައިޑްގެ ފަރާތުން އިންޝުއަރެންސާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ޖަވާޖީ ހަޔާތެއް ފަށާ ބޭފުޅުންނަށާއި ކުޑަ ކުދިންނަށާއި ރިޓަޔާމަންޓް ޕްލޭން އާއި ގުޅުންހުރި މުހިއްމު ޕްލޭންތަކުގެ މައުލޫމާތު ތަކެއް އެފެއާގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

ދިވެހިންގެ ތެރޭގައި އުޅޭ ފެހުންތެރިންނާއި ފެޝަން ޑިޒައިނަރުންގެ އިތުރުން ފޮޓޯ ގްރާފަރުންގެ ހުނަރު ދައްކާލުމަށް 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބްރައިޑް ފެއާ ވޭތުވެދިޔަ ތިން އަހަރު ބާއްވާފައި ވަނީ އެސްޓީއޯއިން ސްޕޮންސާ ކޮށްގެން "ފިލިޕްސް ބްރައިޑް ފެއާ"ގެ ނަމުގަ އެވެ. އަދި އަންނަ އަހަރު އެލައިޑް އިންޝުއަރެންސާއި އެކު އެފެއާ ބާއްވާނީ "އެލައިޑް ލައިފް އިންޝުއަރެންސް ބްރައިޑް ފެއާ"ގެ ނަމުގަ އެވެ.

ބްރައިޑް ފެއާ އަންނަ އަހަރު އޮންނާނީ އަންނަ މަހުގެ ހަތަކުން ނުވަޔަކަކަށް ކޮންމެ ދުވަހެއްގެ ރޭ 8:00 އިން 12:00 އަށް ދަރުބާރުގެ ރަންނަބަޑޭރި މާލަމުގަ އެވެ. އަދި އަންނަ އަހަރު ބާއްވާ އެފެއާގައި ޖުމްލަ 39 ސްޓޯލެއް ހިމެނޭނެ ކަމަށް ވެސް ބްރައިޑް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.