31 Dec 2013, 14:51
ވެށިފަހި މާލެ ޕްރޮގްރާމް ދަށުން ޓާޓާ ކުންފުނިން މާލޭގައި އަޅާ ފުލެޓް ތަކުގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާ ކަމަށް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާކޮށްޓާއި އަރަބިއްޔާ ސުކޫލް ކުރިން ހުރި ބިމުގައި ޓާޓާ ކުންފުނިން އަޅަން ފެށި ފުލެޓް ތަކުގެ މަސައްކަތް މިއަހަރުގެ މެދުތެރެއިން ފެށިގެންވަނީ ހުއްޓާލާފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ޓާޓާ ކުންފުންނީގެ ބައެއް ވެރިންނާ އެކި ގޮތްތައް މަޝްވަރާކޮށްފަ އެވެ. ހައުސިންމިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓާޓާގެ އިސްބޭފުޅަކު މިދިޔަ ހަފްތާގެ ކުރީކޮޅު ގުޅުއްވި ކަމަށެވެ. އަދި އަންނަ ހަފްތާތެރޭ އެބޭފުޅުން މާލެ އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭ، ބީ، އަދި ސީ ކެޓަގަރީން ފުލެޓް ލިބުނު ފަރާތްތަކާއެކު ސަރުކާރުން މިހާރު އެގްރިމެންޓް ވެސް ވަނީ ހަދާފަ އެވެ. ނަމަވެސް މާލޭން ދޫކުރަން ހަމަޖެއްސި ފުލެޓް ތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފުލެޓް ލިބުނު ފަރާތްތަކަށް ފުލެޓްތަކަށް ވަދެވޭ ގޮތް ނުވާތީ އެކަން ނިންމަން ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އަދި އެކަން މިހާރު ޓާޓާއަށް ވެސް އަންގަފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އަންގާފައި ސަރުކާރަށް، ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެޔޭ ޕްރޮޖެކްޓް ލަސްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލެޓް ތަކުގައި މިހާރު ހުރީ ފިނިޝިންގެ މަސައްކަތް އެކަނި ކަމަށެވެ.