ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު ކަމުން އިލްހާމް އިދުރީސް ވަކިކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އިއްޔެގެ ބައްދަލުވުމުގަ އެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން ބޯޑުގެ އިއްޔެގެ ބައްދަލުވުމުގައި އޭނާ މަގާމުން ވަކިކުރަން ނިންމައި، ރައީސް އޮފީހަށާއި ޓީސީއެލްއަށް މިއަދު ވަނީ އަންގާފަ އެވެ.

އޭނާގެ ބަދަލުގައި އެ ބޯޑުގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ ގ. ރޯޒްމެޑް އަބްދުﷲ ސަހީލް ޖަމީލެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ ޓީސީއެލްގެ އެމްޑީއާއެކު އެ ބޯޑުގެ ހަތަރު މެމްބަރަކު ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޯޑުން ވަކިކުރި ހަތަރު މެމްބަރުންނަކީ މ. ޖަވާހިރުވާދީ އަހުމަދު ރަޝީދު ހުސައިން އާއި މާލެ ދަފްތަރު އާދަމް ތައުފީގާއި ހ. ފައިންބީޗް އަލީ ރަޝީދު އިބްރާހިމާއި ސ. ފޭދޫ، އާކުރި އަހުމަދު މުސްތަފާ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލިއުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލު ގެނައުމުގެ ބާރު ދީފައި ވަނީ ޕްރައިވަޓައިޒޭޝަން ބޯޑަށެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.