31 Dec 2013, 13:16
އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ އަނބިމީހާއާއެކު "ރޭކޮށްފި ނަމަ" އެއީ ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށްޖިންސީ ކުށުގެ ބިލުގައިހިމަނައިފި އެވެ. ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީޖިންސީ ކުށުގެ ބިލުފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރުމަށް ފޮނުވާފަ އެވެ.
ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ފިރިމީހާ އަނބިމީހާއާއެކު ޖިމާއުވެއްޖެނަމަ އެއީ ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށް ބުނެފައި ވަނީޖިންސީ ކުށުގެ ބިލުގެ20 ވަނަ މާއްދާގެ ހ. ގަ އެވެ.
އެ މާއްދާގައި ބުނަނީ ކައިވެނި ރޫޅާލުމަށް ޝަރީއަތަށް ހުށަހަޅާފައި ވަނިކޮށް އަނބިމީހާގެ ނުގަބޫލުގައި އަނބިމީހާ އާ އެކު "ރޭކޮށްފި ނަމަ" އެއީ ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ.
ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ޝަރީއަތަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޭނާއާ އެކު "ރޭކޮށްފި ނަމަ" ރޭޕް ކުރުން ކަމަށް ބެލެވޭނެ ކަމަށް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. ގައިންގަޔަށް އަރާ ބައްޔެއް ފިރިމީހާ ގައިގައި ހުރިކަން އެނގިހުރެ އެ ބަލި އަނބިމީހާ އަށް ވާސިލުކުރުމުގެ ބޭނުމުގައި އޭނާއާ އެކު އެއްދާންކުރުމަކީ ވެސް ރޭޕްކުރުން ކަމަށް ބެލެވޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފަ އެވެ.
ދެމަފިރިން ވަރިނުވިކަމުގައި ވިޔަސް ދެ މީހުންގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ސަބަބުން މަސްލަހަތަށް ޓަކައި ވަކިން ދިރިއުޅެމުން ދަނިކޮށް ފިރިމީހާ އަނބިމީހާއާ އެކު "ރޭކޮށްފި ނަމަ" އެއީ ވެސް ރޭޕްކުރުން ކަމަށް ބެލޭވޭނެ ކަމަށް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ތިން ހާލަތުގައި އަނބިމީހާގެ ނުރުހުމުގައި "ރޭކޮށްފި ނަމަ" ފިރިމީހާގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ފިރިމީހާ އެފަދަ ކުށެއް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވާ ނަމަ އެ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.
މަހުރަމަކާ އެކު ރުހުމުގައި ޖިންސީ އަމަލެއް ހިންގައިފި ނަމަ އެ ދެ މީހުން ކުރެ ކޮންމެ މީހެއްގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނުރުހުމުގައި މަހުރަމަކާ އެކު ޖިންސީ އަމަލެއް ހިންގި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
މަހުރަމަކާ އެކު ޖިންސީ އަމަލެއް ހިންގުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
ޖިންސީ ކުށުގެ ބިލް ބުނާ ގޮތުން އަނބިފިރިކަމުގެ ގުޅުން ފިޔަވައި އެ ނޫން އެހެން ގޮތަކަށް ފިރިހެނަކާ އަންހެނަކު އެކަކުއަނެކެއްގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕްކުރުން ކަމަށް ބެލެވޭނެ ކަމަށާއި އެފަދަ އަމަލެއް ހިންގީ އޮޅުވާލައިގެން އަންހެން މީހާ ރުއްސައިގެން ކަމުގައިވާ ނަމަ އެއީ ވެސް ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އެފަދަ ކުށެއް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވާ ނަމަ އެ ކުށް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ. އެނޫން ގޮތަކަށް އެފަދަ ކުށް ކުރި މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
ޖިންސީ އަނިޔާ ކުރުމާއި އެފަދަ އަނިޔާއެއް ކުރުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.
ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޖިންސީ ގޯނާ ކުރުމާއި އެފަދަ ގޯނާއެއް ކުރަން އުޅުނު މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި އެނޫން ގޮތަކަށް އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން ހަށިވިއްކުވުމަށް މީހުން ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ހަށި ވިއްކުމަށް ރާއްޖެ އިން ބޭރުން މީހުން ގެނައުމާއި އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީ 25،000ރ. އާއި 75،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ނާސިގެއެއް ހެދި މީހެއްގެ އަދަބަކީ ފަސް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ކަމަށާއި ރޭޕްކުރުމަށް ފަހު ނުވަ ތަ ޖިންސީ އަނިޔާއެއް ކުރުމަށް ފަހު ނޫންނަމަ ޖިންސީ އަމަލެއް ހިންގުމަށް ފަހު އެއިން ކަމަކާ ވިއްދައި އެއިން ޝިކާރައަކަށްވި މީހަކު ނުވަތަ އެމީހެއްގެ އާއިލާގެ މެމްބަރެއް ބްލެކްމެއިލް ކުރުމަކީ ކުށެއް ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
ޖިންސީ ކުށުގެ ބިލް މަޖިލީހުން އިއްޔެ ފާސްކުރީ 67 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ. ޖިންސީ ކުށުގެ ބިލަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ބިލެކެވެ. އެ ބިލަށް ކޮމެޓީން ވަނީ 62 އިސްލާހު ގެނެސްފަ އެވެ.