ޓޫރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ "ބެޑް ޓެކްސް" އުވާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް ފާސް ނުވުމުން، މިރޭ 12:00 އަށް "ބެޑް ޓެކްސް" އުވޭ ގޮތް މެދުވެރިވެއްޖެ އެވެ.

މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ބެޑް ޓެކްސް ނެގުން ޑިސެމްބަރު 31، 2013ގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.

ޓޫރިޒަމް ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓަލާތަކާއި ގެސްޓު ހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ޓޫރިސްޓުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޓޫރިސްޓެއްގެ އަތުން 8 ޑޮލަރު ނަގަންޖެހޭނެ ކަމަށެވެ.

ބެޑް ޓެކްސް އުވާ ނުލުމަށް ސަރުކާރު ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ނިޔަލަށް އެ ޓެކްސް ނެގެމުންދާނެ ގޮތަށް އެ ގާނޫނު އިސްލާހުކޮށް، އެ ޓެކްސް ނެގުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބިދޭ ބާރުތައް ގާނޫނަށް އިތުރު ކުރުމަށެވެ.

ނަމަވެސް މަޖިލީހަށް އެ ބިލުގެ ސުރުހީ އިއްވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. މަޖިލީހުހެ ތިން ވަނަ ދައުރު ނިމިގެންދިޔައީ އެ ބިލް ހުށަހެޅުމަށް އެޖެންޑާނުކުރެވި ވަނިކޮށެވެ.

ބެޑް ޓެކްސް އަކީ ބޮޑު އާމުދަނީއެއް ދައުލަތަށް ލިބޭ ޓެކުހެކެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ވެސް ބެޑް ޓެކުސްގެ ގޮތުގައި ދައުލަތައް ވަނީ 787.3 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާއި އަޅާބަލާއިރު 9.6 ޕަސެންޓް އިތުރު އަދަދެކެވެ.