11 Dec 2010, 10:43
ފަތިހުގެ މާއިރާ އެކު ހޭލައިގެން އިއްޔެ ހުޅުމާލެ ފެރީ ޓާމިނަލަށް ޖަމާވި ގިނަ ބައިވެރިންނަށް ކުރިއަށް އޮތީ ފަސޭހަ މަސައްކަތެއް ނޫނެވެ. ނަމަވެސް ހުރިހާ ބައިވެރިން ވެސް ތިބީ، ބޭނުންވާ މަގުސަދު ހާސިލްކުރުމަށްޓަކައި "ދާހިތްލަން ތައްޔާރަ" ށެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން 5.6 ކިލޯ މީޓަރަށް ބޭއްވި "ތިނަކުން އެކެއް" ހިނގާލުމުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެކި އުމުރުފުރައިގެ 39 މީހުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ އަށް ދަތުރުކޮށްފައިވާ ހިތްވަރުގަދަ 11 ދިވެހިންނާއި ކުރީގެ ޖެންޑާ މިނިސްޓާ އަނީސާ އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ނިއުމާ މުހައްމަދާއި އަބްދުﷲ މުއާޒް (މުއާ) ހިމެނެ އެވެ.
އެ އެންމެން ވެސް ހިނގަމުން ދިޔައީ އެންމެ އަޒުމަކާ އެކު އެވެ. އެއީ ގެވެށި އަނިޔާ ހުއްޓުވުމަށެވެ؛ އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށެވެ.
އަދި އެއީ "ފަސޭހަ ދަތުރެއް ނޫންކަން" މީހުންނަށް އަންގައިދިނުމަށްޓަކައި، މައުންޓް އެވެރެސްޓް ޓްރެކާސް ޓީމުގެ 11 ބައިވެރިން ވަނީ ވެލި އަޅާފައިވާ 10 ކިލޯގެ ދަބަސް، ހިނގާލުން ނިމެންދެން އުފުލައިފަ އެވެ.
"މަޖީދީމަގު ކަހަލަ ތަނެއްގައި ހިނގާލުން ވަރަށް ފަސޭހަ ވާނެ. އެކަމަކު މި ގޮތަށް ފަތިހު ހޭލައިގެން ފެރީ ނަގައިގެން މިތަނަށް [ހުޅުމާލެ] އައިސް ހެދުމަކީ އުނދަގޫ ކަމަކަށް ވާނީ.. އެހެންވެ، އަޅުގަނޑުމެން ބޭނުން ވަނީ މިއީ [ގެވެށި އަނިޔާ ހުއްޓުވުމަކީ] ފަސޭހަ ކަމަކަށް ނުވިޔަސް ކުރެވޭނެ ކަމެއް ކަން އަންގަން،" އެ ހިނގާލުން އިންތިޒާމްކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެވެރެސްޓް ޓްރެކާސް ޓީމުގައި ހިމެނޭ އަލީ ރިޔާޒް ބުންޏެވެ.
ގެވެށި އަނިޔާގެ ވާހަކަ އެންމެ ފުރަތަމަ ދައްކަވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަނީސާ ވެސް ވިދާޅުވީ، އެކަމަކީ ހުއްޓުވޭނެ ކަމެއް ކަމަށެވެ. ނަމަވެސް، ގެވެށި އަނިޔާގެ ވަބާ މުޖުތަމައުން ނައްތާލެވޭނީ، އެންމެން އެކަމުގައި އެއްބާރުލުން ދީގެން ކަން އަނީސާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ ވީހާ ވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވުން. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މިކަމުގައި ފަރުދީ ޒިންމާއެއް ވާ މީހެއް. ގާނޫނެއް ތަންފީޒެއް ނުކުރެވޭނެ ރައްޔިތުންގެ އެއްބާރުލުން ނުލިބިއެއް. އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ މިކެއް ނުކުރެވޭނެ،" ހޯޕް ފޯ ވިމެން ޖަމިއްޔާގެ ފައުންޑާ މެމްބާ އަނީސާ އަހްމަދު ވިދާޅުވި އެވެ.
ތިން ގަޑިއިރެއްހާއިރު ކުރިއަށް ދިޔަ ހިނގާލުމުގައި ބައިވެރިވި ފިލްމީ ތަރި ނިއުމާ ބުނީ، ހިނގާލުމުގައި ބައިވެރިވުމުން ވަރަށް އުފާވި ކަމަށެވެ. އަދި ފަތިހު ހޭލައިގެން، ބަޔަކާ އެކު އެފަދަ ދިގު ހިނގާލުމެއްގައި ބައިވެރިވުމަކީ ދުވަހަކު ކުރަން ޚިޔާލުވެސް ކޮށްފައިނުވާ ކަމެއް ނަމަވެސް، އިއްޔެގެ ހިނގާލުމުގައި އޭނާ ބައިވިރިވި ސަބަބު ކިޔައިދިނެވެ.
"މިއީ އާދައިގެ ކަމެއް ނޫން. ގިނަ އަދަދެއްގެ މީހުން މިކަހަލަ ކަމެއް ފާހަގަކުރުމަށްޓަކައި މިގޮތަށް ހިނގުމަކީ. އަނެއްކޮޅުން އަޅުގަނޑަކީ ވެސް މިކަހަލަ ކަމެއް [ ގެވެށި އަނިޔާ] ގޯ ތުރޫ ކޮށްފައި ހުރި މީހަކަށް ވާތީވެ އެމީހުންގެ [ގެވެށި އަނިޔާ ލިބިފައިވާ މީހުންގެ] އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ،" ގެވެށި އަނިޔާއާ މެދު މީހުން ހޭލުންތެރިކުރުވުމުގައި އިސް ރޯލެއް ކުޅުނު "ނިއުމާ" ފިލްމް ޑިރެކްޓް ކުރި ބަތަލާ ބުންޏެވެ.
ނިއުމާ އަދި އަނީސާ ވެސް މުހިންމު ކަމެއް ފާހަގަކުރެއްވި އެވެ. އެއީ ގެވެށި އަނިޔާ ހުއްޓުވުމަށް ކޮންމެ ފަރުދެއް ވެސް "ހިތްވަރު" ކުރަން ޖެހޭ ކަމެވެ.
"ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރެއް އަސްލު ބޭނުންވޭ. އެ ހިތްވަރު ހުރެގެން މަސައްކަތް ކުރެވޭނީ،" ގެވެށި އަނިޔާ ހުއްޓުވުމަށް ކުރެވެން ހުރިހާ ހުރިހާ މަސައްކަތެއް ކުރުމަށް މިހާރު އަތުކުރި އޮޅާލާފައިވާ ނިއުމާ ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ ސިފަކުރެއްވި ގޮތުގައި ގެވެށި އަނިޔާއަކީ މުޖުތަމައުގައި ފެތުރިފައިވާ ބައްޔެ ކެވެ. އެ ބަލި ނައްތާލުމުގައި ހުރިހާ ދިމާއަކުން މީހުން މަސައްކަތްކުރަން ޖެހެ އެވެ.
އެގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މަޖިލީހުން ފާސްކުރުމަށް އޭނާ އުއްމީދުކުރައްވަ އެވެ.
އަންހެންނުނާ މެދު ކުރާ އަނިޔާތައް ހުއްޓުވުމަށް ފަށާފައިވާ "ތިނަކުން އެކެއް" ކެމްޕޭނުގެ އަމަލީ ހަރަކާތްތައް އިއްޔެގެ ހިނގާލުމާ އެކު ވަނީ ނިންމާލާފަ އެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ތިނަކުން އެކެއް ކެމްޕޭނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މި ބެލެވެނީ އަންނަ އަހަރު މާޗް މަހުގެ ތެރޭ ކަމަށް ގެވެށި އަނިޔާ ބިލު ފާސްކުރެވެނީ. މާޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް. އެހެންވެ، އެ ބިލު ފާސްކުރަންދެން އަޅުގަނޑުމެންގެ މަސައްކަތްކުރިއަށްދާނެ. އަދި އެއަށް ފަހު ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ވެސް މަސައްކަތްކުރިއަށްދާނެ. އެހެންވެ މިއަދި ނިމުނީކީއެއް ނޫން"
ރާއްޖޭގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކަށް ވަނީ އުމުރުގެ ކޮންމެވެސް ހިސާބެއްގެ އަނިޔާ ލިބިފަ އެވެ. ގިނަ ޖަމިއްޔާތަކެއް ގުޅިގެން "ތިނެކުން އެކެއް" ކެމްޕޭނު ފަށާފައި ވަނީ އެ ހިތި ހަގީގަތް ބަދަލުކުރުމަށެވެ. ގެވެށި އަނިޔާ މުޖުތަމައު އިން ފޮހެލުމަށެވެ.
"ތިނަކުން އެކެއް ހިނގާލުމުގެ" ގިނަ ބައިވެރިންނަށް، އިއްޔެގެ ހިނގާލުން ކުޑަކަމަކަށް ވީ ނަމަވެސް، ގެވެށި އަނިޔާއާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ބޮޑުކަމާއި، އެކަމަށް ހުރި ގޮންޖެހުންތައް ރަނގަޅަށް އެނގެ އެވެ. ނަމަވެސް، އެ ހުރިހާ ބައިވެރިން ވެސް މާލެ އެނބުރި އައުމަށް އިއްޔެ ފެރީއަށް އެރީ އެއް ވިސްނުމަކާ އެކު އެވެ. ގެވެށި އަނިޔާ ހުއްޓުވުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް، އެ ޒިންމާއަށް ފުރަގަސް ނުދޭން ނިންމައި ގެންނެވެ.