31 Dec 2013, 11:42
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް 3.72 ޕަސެންޓް އުފުލިފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަހަކު އެއްފަހަރު އެ ޑިޕާޓްމަންޓުން ނެރޭ މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތައް "ކޮންސިއުމާ ޕްރައިސް އިންޑެކްސް" (ސީޕީއައި) ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައި ވަނީ 3.95 ޕަސެންޓެވެ.
ނޮވެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގު އެންމެ މައްޗަށް ގޮސްފައި ވަނީ ތަރުކާރީއާއި އިމާރާތްކުރުމުގެ ބާވާތްތަކުންނެވެ. ތަރުކާރީގެ ބާވަތްތަކުން 14.07 ޕަސެންޓް މައްޗަށް ދިޔައިރު އިމާރާތްކުރުމާއި މަރާމާތުކުރުމުގެ ބައިން އަގުތައް ވަނީ 6.21 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ކަނޑު ދަތުރުފަތުރުގެ ބައިން 5.03 ޕަސެންޓް މައްޗަށް ދިޔައިރު އެހެނިހެން ކާބޯތަކެތީގެ ބައިން 2.87 ޕަސެންޓް އަދި މުވާސަލާތީ ހިދުމަތްތަކުގެ ބައިން 3.72 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.
ހުސްވި މަހު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައި ވަނީ މަހުގެ ބާވަތްތަކުންނެވެ. އެގޮތުން މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓްވަނީ 7.43 ދަށަށް ގޮސްފަ އެވެ. އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ކަޅުބިލަ މަސް (%16.00-)، ދަޅުމަސް (%0.30-)، ރިހާކުރު (1.28-) އަދި ކަންނެލިން (%18.57-) ވަނީ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ކިރު، ޗީޒު އަދި ބިހުގެ ބައިން އިންފްލޭޝަން ރޭޓު ވަނީ 0.99 ޕަސެންޓު ދަށަށް ގޮސްފަ އެވެ.
މަހުގެ ބާވަތްތަކުން އަގު މައްޗަށް ގޮސްފައި ވަނީ ވަޅޯ މަހުން 1.66 ޕަސެންޓް އަދި ހިކިމަހުން 1.97 ޕަސެންޓެވެ.
ޕްލޭނިން ޑިޕާޓްމަންޓްގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސިއްހީ ހިދުމަތުގެ ބައިން 0.31 ޕަސެންޓް މައްޗަށް ގޮސްފައިވީ ނަމަވެސް ޕްރައިމަރީ ސްކޫލް ފީއަށް ގެނައި ބަދަލާ ގުޅިގެން ތައުލީމީ ބައިގެ އިންފްލޭޝަން ވަނީ 0.02 ޕަސެންޓަށް ދަށް ވެފަ އެވެ.