31 Dec 2013, 10:20
ޗައިނާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރު ވަންގް ފުކާންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް އިއްޔެ އަރުއްވައިފި އެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން، ޗައިނާގެ އާ ސަފީރުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަށް ބައްލަވައިލައްވަމުން، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުވިތާ މި އަހަރު 41 އަހަރު ފުރިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ޗައިނާއަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އަދި ޗައިނާއަކީ އިގްތިޞާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްޤައުމުކަން ފާހަގަކުރައްވައި، ވިޔަފާރީގެ ދާއިރާގައި ޗައިނާގެ ތަޖުރިބާއިން ރާއްޖެއަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުޑަ ބޮޑުމިނުގެ ގޮތުންނާއި، އިޖުތިމާޢީ ނިޒާމުގެ ގޮތުން ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ތަފާތުތަކެއް ހުރި ކަމުގައިވިޔަސް، ފައިދާކުރަނިވި ގާތް ގުޅުމެއް ދެ ޤައުމުގެ ދެމެދުގައި އުފެއްދިދާނެ ކަމުގެ ލާމަސީލު ނަމޫނާއެއް، ދެ ގައުމުން މިވަނީ ދުނިޔެއަށް ދައްކައިދީފައި ކަމުގައި ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ އަދި އިގްތިޞާދީ ގޮތުން ރާއްޖެ ހޯދަމުން އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް ވެސް ޗައިނާ ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
ޗައިނާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ މިމަސައްކަތްޕުޅުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.