ރާއްޖޭގައި ހުރި އަދި ކުރިއަށް އޮތްތާގައި ރާއްޖެ އަންނާނެ އިންޑިއާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމުގެ ވާހަކަތަކަކީ އިންޑިއާ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރައްވަވާ ދަތުރުފުޅުގެ އެޖެންޑާގައި އެންމެ ކުރީގައި ހިމެނޭނެ ކަން ކަން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ އެންމެ މަގުބޫލު ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ "އިކޮނޮމިކް ޓައިމްސް" އިން ބުނީ މާދަމާ ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ޖީއެމްއާރުގެ މައްސަލައާ މެދުވެސް ވާހަކަތައް ދެއްކޭނެ ކަމަށެވެ.

މިގޮތުން ރައީސް ޔާމީން އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާ ބައްދަލުކުރައްވާ އިރު، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވޭނީ އިންޑިއާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާއި މިސަރަހައްދުގައި އޮތް އިންޑިއާ "ސަލާމަތީ މަސްލަހަތުތަކާ" ބެހޭ ގޮތުން ކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެ އެވެ.

މީގެ ތެރޭގައި ޖީއެމްއާރު ރާއްޖެ އިން ބޭރުކޮށްލި މައްސަލަ އަދި ޓާޓާގެ ހައުސިންގް ޕްރޮޖެކްޓްތައް ހުއްޓިފައިވާ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާ އިން އެދޭނެ ކަމަށްވެ އެވެ. އަދި 500 މިލިއަން ޑޮލަރުގެ ޖީއެމްއާރު ކޮންޓްރެކްޓްގެ މައްސަލާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމި ނިންމެވުން "ރިވިއު" ކުރުމަށް އެދޭނެ ކަމަށް އިކޮނޮމިކް ޓައިމްސްއިން ބުނެ އެވެ.