31 Dec 2013, 09:51
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސްއަށް ކުޅުނު ޒުވާން މިޑްފީލްޑަރު މޫސާ ޔާމީނަށް ރިލީޒް ދިނުމަށްފަހު އެކްލަބުން އޭނާ ދޫކޮށްލައިފި އެވެ.
ނިއުގެ ރަސްމީ ވެބްސައިޓުގައި އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ އެގާރައިން ޖާގަ ލިބޭ ޓީމަކަށް ބަދަލުވާން ޔާމީން އެދުމުން އެ ފުރުސަތު ހޯދައިދިނުމަށްޓަކައި އޭނާ ކްލަބުން ދޫކޮށްލާފައިވާ ކަމަށާއި ޔާމީންގެ ފުޓްބޯޅަ ކެރިއަރުގައި އަބަދުވެސް ކާމިޔާބު ލިބުމަށް ކްލަބުން އެދޭ ކަމަށެވެ.
އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ކުޅުމަށްފަހު ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި ނިއުއާ ގުޅުނު ޔާމީން އަށް އެކްލަބުގައި ތަޖުރިބާކާރު ގިނަ މިޑްފީލްޑަރުންތަކެއް ތިބުމުގެ ސަބަބުން ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެހެން ނަމަވެސް ސީޒަނުގެ ބައެއް މެޗްތަކުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މަދުމަދުން ޔާމިން ފެނެއެވެ.
ނިއުގެ 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފައިވާ ޔާމީން ވަނީ ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދާފަ އެވެ.
ނިއު އިން ވަނީ ނިމިދިޔަ ސީޒަނުގައި އެކުލަބަށް ކުޅުނު ގާނާގެ ގައުމީ ޓީމް މިޑްފީލްޑަރު ޔޫސުފް ނޫރިއްދީން އާއި ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ އަދި ގީނީ ޑިފެންޑަރު ސީލާ މަންސާ އަންނަ ސީޒަނުގައި ނުގެންނަން ނިންމާފައެވެ.
އަންނަ ސީޒަނުގައި ނިއުއަށް ކުޅެން މިހާތަނަށް ސޮއި ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ.
އަންނަ ސީޒަންގައި ނިއުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ސްޕެއިންގެ ކޯޗެއް ކަމަށްވާ އަންހެލް ޕެރޭޒް ގާސިއާ އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއު އިން ހޯދި ބޮޑު ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި އެކުލަބުގެ މުހިންމު ބައެއް ކުޅުންތެރިން ވެސް ވަނީ ކުލަބުގައި މަޑުކުރަން ކޮންޓުރެކްޓު އާކޮށްފަ އެވެ. އެގޮތުން އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނިޔާޒާއި އަހުމަދު އަބްދުﷲ (ލިލީ) އެވެ. މީގެ ތެރެއިން އިމްރާން ފިޔަވައި އެހެން ކުޅުންތެރިން ކޮންޓްރެކްޓް އާކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.