ވޮޝިންޓަން (ޑިސެމްބަރު 31): ލީބިޔާގައި އިއްޔެ ހައްޔަރުކުރި ކަމަށް ބުނެވޭ ތޫނިސްގެ "އަންސާރުއްޝަރީޢާ" ޖަމާއަތުގެ ޒަޢީމް ސައިފުﷲ ބިން ޙުސައިން ހައްޔަރު ކުރުމުގައި ބައިވެރިނުވާކަން އެމެރިކާ ހާމަކޮށްފި އެވެ.

އެފްރިކާގައި ހުންނަ އެމެރިކާގެ ޢަސްކަރީ ކޮމާންޑްގެ ތަރްޖަމާން ވިދާޅުވީ ލީބިޔާގެ މިސްރާތާގައި ސައިފުﷲ ހައްޔަރު ކުރުމުގައި އެމެރިކާ ސިފައިން ބައިވެރިނުވާ ކަމަށާ އަދި މިކަމުގައި އެމެރިކާގެ އެއްވެސް އަތެއްނުވާނެ ކަމުގަ އެވެ. ތޫނިސްގެ ސަރުކާރުން ބުނެފައިވަނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "އަންސާރުއްޝަރީޢާ"ގެ ޒަޢީމް ސައިފުﷲ ބިން ޙުސައިން ލީބިޔާގެ މިސްރާތާ ސިޓީގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ލީބިޔާ ސިފައިންނާއި އެމެރިކާ ސިފައިންގެ ގުޅިފައިވާ ބާރަކުން ކަމުގަ އެވެ.

ކުރިން އަފްޣާނިސްތާނުގައި ހަނގުރާމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ސައިފުﷲ ބިން ޙުސައިން އަކީ ތޫނިސްގައި މިއަހަރު އަވަހާރަކޮށްލާފައިވާ ސިޔާސީ ދެބޭފުޅެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ ކުށްވެރިއެއް ކަމަށް ތޫނިސްގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން ވެސް ތޫނިސްގެ ސިފައިންނާއި ފުލުހުންނާ ދެކޮޅަށް ދޭ ޙަމަލާތައް ރާވައި ހިންގުމުގެ އިސް މޭސްތިރިއަކީ ވެސް ސައިފުﷲ ކަމަށާ މިޙަމަލާތައް ތަންފީޒުކުރަނީ އޭނާގެ "އަންސާރުއްޝަރީޢާ" ނަމަކަށްކިޔާ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ތޫނިސްގެ ސަރުކާރުން ތުހުމަތުކުރެ އެވެ. މިތުހުމަތުތަކާ އެކު ސައިފުﷲ ނިސްބަތްވެވަޑައިގަންނަވާ "އަންސާރުއްޝަރީޢާ" ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ތޫނިސްގެ އިސްލާމިކް ނަހްޒާ މޫމެންޓް ޕާޓީން އެކުލަވާލާފައިވާ ސަރުކާރުން ވަނީ ސިފަކޮށްފަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައިފުﷲ އާއި އޭނާގެ ކޮމާންޑްގެ ދަށުގައިވާ ހަނގުރާމަވެރިން އުޅެމުން ގެންދަނީ ލީބިޔާގެ ހަނގުރާމަވެރިންނާ އެކުގައި ލީބިޔާގައި ސަރުކާރުގެ ބާރު ނުހިނގާ ސަރަހައްދުތަކުގަ އެވެ. ލީބިޔާގެ ކުރީގެ ޒަޢިމް ކާނަލް މުޢައްމަރުލް ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިޔުމަށް ލީބިޔާއަށް ވެސް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ދުއްތުރާ ބޮޑުވެ އާންމު ރައްޔިތުންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓިފަ އެވެ. ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ގެންދަނީ ހަތިޔާރު ބޭނުންކޮށްގެންނާއި ބޮންގޮއްވުމުގެ ޢަމަލުތައް ހިންގައިގެން އެމީހުންގެ މަޤްސަދުތައް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ލީބިޔާވެސް ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރުވަނީ ހީވެ އެވެ.
ތޫނިސްގެ ހަނގުރާމަވެރި "އަންސާރުއްޝަރީޢާ" ޖަމާއަތުގެ ޒަޢީމް ސައިފުﷲ ބިން ޙުސައިން ލީބިޔާގެ މިސްރާތާގައި ހައްޔަރުކޮށްފި ކަމަށް ތޫނިސް އިން ބުނިނަމަވެސް މިކަން ލީބިޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި "އަންސާރުއްޝަރީޢާ" ޖަމާއަތުން ވެސް ވަނީ އެޖަމާއަތުގެ ޒަޢީމް، ލީބިޔާގައި ހައްޔަރު ނުކުރެވޭ ކަމަށް ޓްވިޓާ ގައި ޓްވީޓް ކޮށްފައެވެ. (ނޫސްއެޖެންސީތައް)