މޮސްކޯ (ޑިސެމްބަރު 31): ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރަޝިޔާގެ ދެކުނުގެ ކަވްކަސް ސަރަހައްދުގެ ރަށެއް ކަމަށްވާ ވޮލްޑޮގްރޭޑްގައި ދިން ނުރައްކާތެރި ދެ ހަމަލާއާ ގުޅިގެން އެ ރަށާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކުއްލި ޙާލަތު ޢިއްލާންކޮށްފި އެވެ.

ރަޝިޔާގެ ކުއްލި ހާލަތާ ބެހޭ ވުޒާރާ އިން އިއްޔެ ބުނެފައި ވަނީ އެ ސަރަހައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކޮށްފައިވާ ކަމަށާ މިގޮތަށް އަމަލުކުރަން ޖެހުނީ އަމަނާބެހޭ ޙާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ކަމުގަ އެވެ. ވޮލްޑޮގްރޭޑްގައި ދިން ނުރައްކާތެރި ދެ ހަމަލާގައި 31 މީހުން މަރާލާފައިވާ އިރު ވޮލްޑޮގްރޭޑްގެ ރޭލް ސްޓޭޝަނަކަށް މިދިޔަ އާދީއްތަ ދުވަހު އަންހެނަކު ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައި 17 މީހުން މަރާލާފައި ވަނިކޮށް ވޮލްޑޮގްރޭޑްގައި ދުއްވަމުން ދިޔަ ބަހަކަށް އިއްޔެ ގޮވާތަކެތިން ޙަމަލާދީ 14 މީހުން މަރާލާފައިވެ އެވެ.

މި ދެހަމަލާގައި 31 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ އިރު މިއިން އެއްވެސް ހަމަލާއެއްގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ. ރަޝިޔާގެ ދެކުނު ކަވްކަސް ސަރަހައްދަކީ ވަކިވެގަތުމަށް މަސައްކަތްކުރާ މުސްލިމް ހަނގުރާމަވެރިން ގިނަ ސަރަހައްދެކެވެ.

ރަޝިޔާގެ އިއްތިޙާދުގައި ހިމެނޭ އެސަރަހައްދުގެ ބައެއް އިސްލާމީ ޖުމްހޫރިއްޔާތަކުގެ މީހުންގެ މެދުގައި ވަކިވެގަތުމުގެ ރޫޙު އަށަގެންފައި ވަނީ ރަޝިޔާގެ މައިސަރުކާރުން މުސްލިމުންނާ މެދު ޢަމަލުކުރަމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ޒަމާނުއްސުރެ މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުން ގެންދާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)