ގާހިރާ (ޑިސެމްބަރު 31): މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާކަމަށް އެގައުމުގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.

މިސްރުގެ ވަގުތީ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ވަގުތީ ސަރުކާރުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިސްރުގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގައި ރިޔާސީ އިންތިޚާބުގެ ކުރިން ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް މިސްރުގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން އިންތިޚާބީ ވެރިއަކުނެތި އެހެންކަންތައްތައް ކުރިޔަށްގެންދިޔުން ދަތިވާތީ ޕާލަމެންޓްރީ އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބު ބޭއްވުން ގައުމަށް ވަރަށް މުހިއްމު ކަމަށް ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ޙާޒިމް އަލްބިބްލާވީ ވަނީ ވިދާޅުވެފަ އެވެ.

މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބު ބޭއްވުމަކީ އެއްވެސް ގާނޫނަކާ ފުށުނާރާ ކަމަށް ނޫންކަމަށް ވެސް ބިބްލާވީ ވަނީ ވިދާޅުވެފަ އެވެ. މިއާ އެކު މިސްރުގެ ކަމާބެހޭ މަސްއޫލުވެރިން އިއްޔެ ވިދާޅުވެފައި ވަނީ ވަގުތީ ސަރުކާރުގެ މަގުޗާޓަށް ބަދަލުގެނަސް އަންނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވައި އެއަށް ފަހު އެކުލަވާލެވޭ އައު ސަރުކާރުން ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމުގެ ކަންތައް އަވަހަށް ކުރިޔަށް ގެންދާނެ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)