ބްލަޑް ކޭމްޕުގެ ނަމުގައި މޯލްޑިވިއަން ބްލަޑް ޑޯނާސް [އެމްބީޑީ]އިން ރާއްޖޭގެ ހަ ސަރަހައްދެއްގައި ލޭހަދިޔާ ކުރާ މީހުން ހޯދުމަށް ކޭމްޕޭނެއް ފަށައިފި އެވެ.


އެމްބީޑީގެ މީޑިއާ ކޯޑިނޭޓަރު އާސިމް ރިޒާ މިއަދު ވިދާޅުވީ ރާއްޖޭގެ ހަ ސަރަހައްދެއްގައި މިއަދު ކުރިއަށް ގެންދާ ކެމްޕޭނުގައި މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑޯނާސް ނުވަތަ ލޭހަދިޔާ ކުރާނެ މީހުން ހޯދުން ކަމަށެވެ.


އެމްބީޑީގެ ކެމްޕޭނު ކުރިއަށްގެންދާ ސަރަހައްދުތަކަކީ ހއ. ކުޅުދުއްފުއްޓާއި މާލެ އާއި ނައިފަރާއި ލ. ގަމާއި ސ. ހުޅުމީދޫ އާއި އެ އަތޮޅު ހިތަދޫގަ އެވެ. އެމްބީޑީގެ މެންބަރުން ކޮންމެ ރަށެއްގައި ވެސް ހަރަކާތްތެރިވަމުން ދަނީ އެ ރަށްރަށުގެ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެނެވެ.


މިއަދު ހެނދުނު 200 އަށްވުރެ ގިނަ ވޮލެންޓިއަރުންނާ އެކު އެ ޖަމިއްޔާ އިން ފެށި ކެމްޕޭނަށް އެކަށީގެންވާ މިންވަރަކަށް ތަރުހީބު ލިބެމުން އަންނަ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ. އެމްބީޑީގެ ކެމްޕޭނުގައި ލޭހަދިޔާ ކުރުމާ މެދު މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ގެންދަނީ ތަފާތު ލީފުލެޓް ވެސް ބަހަމުން ނެވެ.


ބްލަޑް ކެމްޕޭންނުގައި އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވަތަ ބުނެ ކިޔައިގެން ނަން ނޯޓު ކުރަން އެ ޖަމިއްޔާ އިން ބޭނުން ނުވާ ކަމަށް އާސިމް ވިދާޅުވި އެވެ.


"އަޅުގަނޑުމެން ބޭނުން ވަނީ ކޮންމެ ބޭފުޅަކު ވެސް އަމިއްލައަށް ވަޑައިގެން އެ މީހެއްގެ ނަން ނޯޓު ކުރުމަށް. އެއްވެސް ބޭފުޅަކަށް މަޖުބޫރުކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ."


މި ކެމްޕޭނުގެ ސަބަބުން ތަފާތު ކަންކަމުގައި ލޭ ބޭނުންވާ ފަރާތްތަކަށް އެ ބޭފުޅެއްގެ ސަރަހައްދުން ލޭ ހޯދުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށް އެމްބީޑީން ބުނެ އެވެ.


އެމްބީޑީއަކީ ލޭހަދިޔާ ކުރާނެ މީހުން ހޯދުމުގައި ގިނަ ބަޔަކަށް އެހީތެރިވެދެމުން އަންނަ ޖަމިއްޔާއެކެވެ.