ރައީސް އަބްދުﷲ ޔާމީން އަންނަ ބުދަ ދުވަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ވަރުގަދަކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން މިދިޔަ އަހަރުގެ ފަހުކޮޅު އުވާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އިންޑިއާއިން ހިލަވެލި ލިބުމާއި ބޭސްފަރުވާކުރުމަށް ވިސާ ދޫކުރަމުން އައި އުސޫލްތަކަށް ބަދަލު ގެނެސްފައިވެ އެވެ. އޭގެ އިތުރުން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ ލޯނެއް ވެސް އިންޑިއާ އިން ހިފަހައްޓާފައިވެ އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ދެކަނބަލުންގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޕްރަނާބް މުކަރުޖީ އާއި ބޮޑުވަޒީރު މަންމޯހަން ސިންގް އަދި ފޮރިން މިނިސްޓަރު ސަލްމާން ހޫރުޝީދާއި ޑިފެންސް މިނިސްޓަރު އޭކޭ. އެންތަނީއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ޖެނުއަރީ ދެވަނަ ދުވަހު އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ދެއްވާ ހާއްސަ ފަރިއްކޮޅެއް އޮންނާނެ އެވެ. އަދި އެ ދުވަހު ބޮޑުވަޒީރާއެކު ދެ ގައުމުގެ ރަސްމީ ވާހަކަފުޅުތައް ބާއްވާނެ އެވެ.

އެ ދަތުރުފުޅުގައި އާގަރާގައި ހުންނަ އިންޑިއާގެ ތާރީހީ ބިނާ، ތާޖު މަހަލް އަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އިންޑިއާގެ ތާރީހީ ރަށް، އުދައިޕޫރަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި ވިސާ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް ޔާމީން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހިސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ދަތުރުފުޅު ނިންމާލެވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.