މި ސަރުކާރުގެ ވަޒީރުނަށް ރައްޔިތުން މަޖިލީހުން ރުހުންދިނުމާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު ސަރުކާރުން މަޝްވަރާ ކުރި އިރު ޝަރުތު ކުރަމުން ދިޔައީ ނަޝީދުގެ ޝަރީއަތް އަނބުރާ ގެނައުމަށް ކަމަށް ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިމެނޭ 15 ވަޒީރުނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދީބް ވިދާޅުވީ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެމްޑީޕީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބާރުލުން ދެއްވާނެ ކަމަށް ދެކިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ނުހިނގި ކަމަށެވެ.

"ނެގޯޝިއޭޓްގައި އަޅުގަނޑު ސަރުކާރުގެ ފަރާތުން އަދި އެހެންމެ ޕީޕީއެމްގެ ފަރާތުން އެމްޑީޕީއާ ވާހަކަ ދެއްކިން. ނަމަވެސް ގޮސް މި ޖެހެނީ ރައީސް ނަޝީދުގެ މައްސަލަ އަނބުރާ ގެނައުމަށް،" އަދީބް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުނަށް ރުހުން ނުދިނުމަށް މިއަދު އެމްޑީޕީގެ ތެރެއިން ބަޔަކު ކުރި މަސައްކަތަކީ ގައުމުގެ ތަރައްގީއާ ދެކޮޅަށް ކުރި މަސައްކަތެއް ކަން ފަހާގަ ކުރައްވަމުން އަދީބް ވަނީ އެންމެ ބޭފުޅެއްގެ މަސްލަހަތު ހިމާޔަތްކުރަން އުޅުމުގެ ބަދަލުގައި ގައުމުގެ ތަރައްގީއާއިގެން މަސައްކަތް ކުރުމަށް އެމްޑީޕީ މެންބަރުނަށް ގޮވަލާފަ އެވެ.