30 Dec 2013, 20:48
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގައި 19 ބިލެއް ފާސްކޮށް، ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ގޮސްފި އެވެ.
މިއަދު ނިމުނު މަޖިލީހުގެ ތިން ދައުރުގެ އެންމެފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް 96 ގާނޫނަކަށް އިސްލާހު ގެނެސް، ބިލަކެއް ފާސްކޮށްފައިވާ ކަމަށެވެ.
"19 ބިލެއް ގާނޫނަކަށް ފާސްކޮށްދެއްވައިފި. އަދި ޖުމުލަ 96 ގާނޫނެއް ފާސްކޮށްދެއްވައިފި މިހާތަނަށް، މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހަކުން ކުރެވިފައިވާ ވަރަށް ބޮޑު މަސައްކަތެއް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރަކީ މަޖިލީހުގެ ތާރީޚުގައި ބުރަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށާއި މިއަހަރު މަޖިލީހުގެ ނަތީޖާ ރަނގަޅުވީ މެންބަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
މަޖިލިސް މިއަދުން ފެށިގެން ޗުއްޓީއަށް ދިއުމާއެކު އަންނަ އަހަރު މަޖިލިސް ހުޅުވޭނީ މާޗު މަހުގަ އެވެ. މަޖިލީހުގައި ބާކީ އޮތީ އެންމެ ދައުރެކެވެ. މާޗު މަހުގައި ފަށާ ފަހު ދައުރު ނިމޭނީ އަންނަ އަހަރުގެ އެޕްރީލް 30 އަށެވެ. އެ ދައުރު ނިމުމާއެކު ދެން މަޖިލީހަށް އިންތިހާބު ވާނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންނެވެ.