30 Dec 2013, 19:52
ދިރާގުން ކުޑަކުދީންގެ ހިޔާގެ ލައިބްރަރީ އަށް 700 އަށްވުރެ ގިނަ ފޮތް ހަދިޔާ ކޮށްފި އެވެ.
ދިރާގުން އެ ފޮތްތައް ހަދިޔާކޮށްފައި ވަނީ އެކުންފުނީގެ ފަރާތުން ކުޑަކުދީންގެ ހިޔާގައި ދިރިއުޅޭ ކުދީންނަށް ބޭއްވި ހަވީރެއްގަ އެވެ.
މިއަދު ބޭއްވި ކުޑަކުދީންގެ ހަވީރުގައި ދިރާގުގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ އެޗްއާރް މެނޭޖަރު ތައުފީގާ އެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން ފޮތްތަކާ ހަވާލުވެލެއްވީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަފީގު އެވެ.
ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން މިއަދު ކުޑަކުދިންގެ ހިޔާގައި ބޭއްވި ހަވީރަކީ ދިރާގުގެ މުވައްޒަފުންނާއި ކުޑަކުދިން ހިޔާގެ މުވައްޒަފުންނާއި ގުޅިގެން ސްކޫލުގެ ބަންދުގައި އެހިޔާގެ ކުދިންނަށް މަޖާ މާހައުލެއް ހޯދައިދިނުމަށްޓަކައި ބޭއްވި ހަވީރެއް ކަމަށެވެ.
"ޑިސެމްބަރު މަހަކީ ސްކޫލުގެ ޗުއްޓީއަށްވުމުން، ގިނަ އާއިލާތަކެއްގެ ތުއްތު ކުދިންނާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެން ބޭރަށާއި އަތޮޅުތަކުގެ ރައްތަކަށް ވަޑައިގެން އުފާވެރި ވަގުތުތަކެއް ހޭދަކޮށްލާ ހާއްސަ މަހެއް. ނަމަވެސް ކުޑަކުދިންގެ ހިޔާގެ ކުދިން މި ތިބެންޖެހެނީ ކުޑަކުދިންގެ ހިޔާގަ. އެގޮތުން އެކުދިން ކައިރިއަށް އައިސް ގިނަ ކަންތައްތަކަކާއި އެކުގައި މަޖާ ކޮށްލުމުގެ ގޮތުން މިއައީ،" އިމްޖާދު ވިދާޅުވި އެވެ.
އެ ހަވީރުގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއިލް ރަޝީދު ވަނީ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވޮލަންޓިއަރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
ކުޑަކުދިން ހިޔާގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަފީގު ދެއްކެވި ވާހަކަފުޅުގައި ކޮންމެ އަހަރެއްގެވެސް ސްކޫލު ބަންދާ ދިމާކޮށް ދިރާގު ފަރާތުން އެހިޔާގެ ކުދިންނަށް ހަވީރެއް ބާއްވައިދެއްވުމަކީ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.
ކުޑަކުދީންގެ ހިޔާގައި އުޅޭ ކުދީންގެ ތައުލީމާއި ހުނަރަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް ދިރާގުން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވައި، ޝަފީގު ވަނީ މުޖުތަމައުގެ އެހީތެރިކަމަށް ބޭނުންވެފައިތިބި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެހެން ކުންފުނިތަކުން ވެސް އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ.
ކުޑަކުދިންގެ ރައްކަލާ ހިމާޔަތަށްޓަކައި ގިނަ ކަންތައްތަކެއް ދިރާގުން އަންނަނީ ކުރަމުންނެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ހިޔާއަށް އެކިކަހަލަ އެހީތެރިވުމުގެ މަޝްރޫއުތަކެއް ދިރާގުން ހިންގާފައި ވެއެވެ.
ދެހާސް ނުވަ ވަނަ އަހަރު ދިރާގުންވަނީ ކުޑަކުދިންގެ ހިޔާއަށް ޒަމާނީ ފެންވަރުގެ ކޮމްޕިއުޓަރު ލެބަކާއި ލައިބްރަރީއެއް ހަދިޔާކޮށްފަ އެވެ. އަދި އޭގެ ފަހުން އިތުރު ކޮމްޕިއުޓަރު ލެބެއް ހަދިޔާ ކޮށް ދިރާގުގެ ސްޕޮންސާގެ ދަށުން ތިން ޓީޗަރުންވެސް އަންނަނީ ކުޑަކުދިންގެ ހިޔާގައި މިހާރު ކިޔަވައިދެމުންނެވެ.