ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު ގެ 28 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެމަތިން، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލަވާލައްވައި، އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮއްވަވާފައިވާ ފަސް ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.

އެ ކޮމިޝަނަށް އައްޔަންކުރެއްވީ ހ. އާޒާދެވާދީ، ވިޒާދު ޢަލީ އާއި ގ. އަތަ، ޔޫސުފު މާނިއު މުހައްމަދާއި ގަ. ކަނޑުހުޅުދޫ، ބްލޫރޯޒް ޖިހާދާ އަނީސް އާއި ގ. ވަޒަންވެހި، ފަރީޝާ އާދަމް އަދި ގ. އަލީ އާބާދު، ފާތިމަތު ޝަމްވީލާ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ފާސްކޮށް މެއި 11 ވަނަ ދުވަހު ތަސްދީގުކުރެއްވި ގާނޫނުގައިވާ ގޮތަށް ސީއައިސީ އަށް މެމްބަރުން އައްޔަން ނުކުރެއްވީ އެ ކޮމިޝަނަށް މުސާރަ ދޭނެ ބަޖެޓެއް ނެތުމުން ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.

އެ ކޮމިޝަނުގެ މެމްބަރެއްގެ މުސާރައިގެ ގޮތުގައި އަހަރަކު 400،000ރ. ރުފިޔާ ހަރަދުވެ އެވެ.

ސީއައިސީގެ މެންބަރެއްގެ އަސާސީ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަންގެ ރައީސަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސް އަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.