"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން "ސީ" ކެޓަގަރީން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ ފައިނަލް ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފުލެޓު ދިނުމުގައި މައްސަލައެއް ނެތް ކަމަށް އޭޖީ ލަފާދެއްވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ސީ ކެޓަގަރީން ފުލެޓް ލިބޭ ފަރާތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވީ އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށް ބުނެފައިވާ 98 ފަރާތާ އެއްކޮށް އަދި ދެން ހުރި ފަރާތްތަކާ އެއްކޮށް ވެސް ކުރިއަށް ދާނެ ގޮތަކާމެދު އޭޖީން ލަފާދީފައިވާ ކަމަށެވެ.

އޭޖީން ލަފާ ދީފައިވާ ގޮތުގައި 2001 ވަނަ އަހަރު މިނިސްޓްރީން އެ ޕްރޮގްރާމް ފެށިއިރު ފުލެޓް ދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކާ އާންމުކޮށް ގެންގުޅެފައިވާ މާނަކުރުންތައް ރަނގަޅު ކަމަށް ލަފާދީފައިވާ ކަމަށެވެ. ނަމަވެސް އޭސީސީން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހު ކުރުމަށްވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން އިއުލާންކޮށްފައިވާ ފައިނަލް ލިސްޓުގައި ބުނެފައިވާ ކަންކަން ކުރިއަށް ގެންދިއުމަށް ލަފާދީފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސީ ކެޓަގަރީގައި ދޫކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން 275 ފުލެޓާއި މާލެ އިން 52 ފްލެޓެވެ. އޭގެ ތެރެއިން ޕޮއިންޓް އެއްވަރުވާ މީހުންގެ މެދުގައި ގުރުއަތުނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބް ވިދާޅުވީ ފައިނަލް ލިސްޓްގައި މިހާރު ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަންމަތީގައި ގޯއްޗެއް އޮތްތޯ ބެލުމަށް ކައުންސިލް ތަކަށް ވެސް ލިސްޓުތައް ފޮނުވާ ޗެކްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ދެ ފަރާތެއްގެ ނަން އުނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ ލިސްޓު ތަރުތީބުން މީހުންނާ ގުޅަމުން ގެންދާއިރު މާލޭން ފުލެތަށް އެދިފައިތިބި ފަރާތްތަކުގެ ތެރެއިން 500 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ތިބި ފަރާތްތަކަށް އަދި ގުޅަމުން ނުދާ ކަމަށެވެ. ސަބަބަކީ އެ ފަރާތްތަކަކީ މާލޭން ފުލެޓް ލިބޭނެ ފަރާތްތަކަށް ވާތީ ކަމަށެވެ. އަދި މާލެން ފުލެޓް ލިބޭ ފަރާތްތައް ފުލެޓް ނުލިބި ދިރިއުޅުމަށް ދަތިވާނަމަ ރިކުއެސްޓް ކުރާ ފަރާތްތަކަށް ހުޅުމާލޭން ފުލެޓް ލިބޭ ގޮތަށް ހަމަޖައްސައިދެމުން އަންނަ ކަމަށް ވެސް މުއްތޮލިބް ވިދާލުވި އެވެ.

އޭނާ އަދި ވިދާޅުވީ ހުއްޓިފައިވާ މާލޭގެ ފުލެޓް ތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ފަށައިފިނަމަ ހައެއް ނުވަތަ ހަތް މަސް ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މުއްތިލިބް ވިދާޅުވި އެވެ.