11 Dec 2010, 10:09
އީރާނުން އަވަށްޓެރި ޤައުމުތަކާ ދެކޮޅަށް ޢުދުވާނީ ސުލޫކެއް ގެންގުޅޭކަމަށްވިދާޅުވެ އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް އީރާނަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ. މަސްޤަތްގައި ނޫސްވެރިންނަށްދެއްވި ބަޔާނެއްގައި، ގަލްފުގެ ޤައުމުތަކާ ދެކޮޅަށް އީރާނުން ޢުދުވާނީ ގެންގުޅޭކަމަށް ވިދާޅުވެ އެޤައުމުގެ ތަކުގެ ދިފާޢުގައި ގޭޓްސް ވާހަކަ ދެއްކެވިއެވެ. ގޭޓްސް ވިދާޅުވީ އީރާނުގެ ޢުދުވާނީ ސުލޫކާމެދު ގަލްފުގެ ޤައުމުތައް ވަނީ ކަންބޮޑުވެފާކަމަށާ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގަލްފުގެ ޤައުުމުތަކުން ތާއީދުކުރާ ކަމުގައެވެ. އީރާނުން ގެންގުޅޭކަމަށް ގޭޓްސް ސިފަކުރެއްވި ޢުދުވާނީ ސުލޫކަކީ ކޮންކަމެއްކަން އޭނާ ހާމަކޮށްދެއްވާފައެއް ނުވެއެވެ. ގޭޓްސް މިމޭރުމުން ވާހަކަ ދެއްކެވިއިރު ރައީސް ބަރަކް އޮބާމާގެ މުސްތަޝާރު ގެރީ ސަމޯރ ވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއްގެ އިންޒާރު ދެއްވާފައެވެ.
އެމެރިކާގެ މަސްއޫލުވެރިން މިމޭރުމުން ވާހަކަ ދެއްކަވަމުން ގެންދަވާއިރު އެމެރިކާއަށް ބަރޯސާކުރާ ޢަރަބި ބައެއް ޤައުމުތަކުގެ ވެރިންނާމެދު ފަރުދާގެ އަނެއްފަރާތުން އެމެރިކާ މުޢާމަލާތްކުރާ އިހާނާތްތެރިގޮތްތައް ވިކިލީކްސްއިން ބޭޒާރުކޮށްލުމާގުޅިގެން އެމެރިކާވަނީ ލަދުވެތިވެފައެވެ. ވިކިލީކްސްއިން ހާމަކުރި ސިއްރުލިޔުންތަކުގައި، ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްރާއީލުގެ އަނިޔާވެރިކަމާދެކޮޅަށް މަސައްކަތްކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އެމެރިކާ ރާވާރޭވުންތަކަށް ޢަރަބި ބައެއް ލީޑަރުން ތާއީދުކުރަައްވާކަން ހާމަވެފައިވާތީ ޢަރަބި ބައެއްލީޑަރުންނަށްވެސް ވަނީ އެމެރިކާގެ ގޮނޑިކޮށްކޮއިންގެ ގޮތުގައި ސިފަކުރެވުމުގެ ލަދުވެތިކަން ކުރިމަތިވެވަޑައިގެންފައެވެ. ޙިޒްބުﷲ އާއި ޙަމާސްއަކީ އީރާނުގެ މަދަދުލިބޭ ޖަމާޢަތްތައްކަމަށް އެމެރިކާ ތުހުމަތުކުރެއެވެ. އަނެއްކޮޅުން މިދިޔަ ނޮވެމްބަރ މަހު އީރާނުގެ ނިއުކްލިޔަރ ދެ ސައެންޓިސްޓަކު އަވަހާރަކޮށްލުމަށް ދެވުނު ޓެރަރިސްޓް ދެ ޙަމަލާގެ ފަހުގައި އިސްރާއީލުވާކަމަށް އީރާނުން ތުހުމަތުކުރުމަށްފަހު މިމައްސަލަ މިހާރުވަނީ އދ. އަށް ހުށަހަޅާފައެވެ. އިސްރާއީލަކީ އެމެރިކާގެ މަދަދުލިބޭ ޤައުމަކަށްވާތީ އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތަކަށް ތާއީދުކުރާކަމުގެ ތުހުމަތު އިރާނުގެ މީޑޔާއިން އެމެރިކާގެ މައްޗަށްވެސްވަނީ ކޮށްފައެވެ. އަދި އީރާނުގައި ޙަރަކާތްތެރިވާ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖުންދުﷲ ޖަމާއަތުން އީރާނުގައި ހިންގާ ބޮންގޮއްވުުމުގެ ހަމަލާތަކުގެ ފަހަތުގައި ވާކަމުގެ ތުހުމަތުވެސް އެމެރިޚާގެ މައްޗަށްވަނީ ކުރެވިފައެވެ.
އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ކަންތައްތަކުގައި އެމެރިކާގެ ކުރީގެ ސަރުކާރަށްވެސް އަދި މިހާރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުވެސް ވަނީ ވަރަށްބޮޑަށް ފޭލްވެފައެވެ. މެދުއިރުމަތީގައި އެމެރިކާއަށް ކާމިޔާބެއް ނުލިބޭތާ އަހަރުތަކެއްވެއްޖެކަމަށް އެމެރިޚާގެ ބައެއް ނޫސްތައްވެސް ސިފަކުރެއެވެ. މީގެއިތުރުން ޙިޒްބުﷲ އާއި ޙަމާސް ނައްތާލުމަށް އެމެރިކާގެ މަދަދާއެކު އެންމެފަހުން އިސްރާއީލުކުރި ހަނގުރާމަތައްވެސްވަނީ ނާކާމިޔާބުވެފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ވާ އެމެރިކާގެ ނުފޫޒު ކުރިޔާއަޅާބަލާއިރު މިހާރު ވަރަށްބޮޑުތަން ކުޑަވެފައިވާކަމަށާއި ޚުދު އިސްރާއީލުވެސް އެޤައުމުގެ އަސްލު ސައިޒަށް މިހާރު ތިރިވެފައިވާކަން މުޙައްލިމުން ފާހަގަކުރެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އެމެރިކާ އިސްވެ އޮވެގެން އެޤައުމަށް ކިތަންމެވަރަކަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް އޭގެނަތީޖާވެސް އެދެވޭގޮތެއްގައި އެމެރިކާއަށް ފެންނަމުންނެއް ނުދެއެވެ. ސަބަބަކީ އެމެރިކާގެ އިޤްތިސާދީ ބާރުވެސް އަދުގެ ދުނޔޭގައި ކުޑަވެފައިވުމެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިއޮއްވާ ނިއުކްލިޔަރ ރޮނގުގެ އިތުރުން ސައެންސާއި ފަޒާގެ ރޮނގުގައާއި ހަތިޔާރުގެ ސިނާޢަތުގައިވެސް އީރާންދަނީ އެމެރިކާއާ އިސްރާއީލު ކަންބޮޑުވާފަދަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ޗައިނާފަދަ ޤައުމުތަކުގެ ބާރުގަދަވެ އިޤްތިސާދީގޮތުން އެމެރިކާއާއި ޔޫރަޕަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލަތަކުގެ ސަބަބުންނާއި ބުޝްގެ ވެރިކަމުގައި އެމެރިކާ ހިންގާފައިވާ އިންސާިއްޔަތާ ޚިލާފް ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒަށް މިހާރުވަނީ މިފަހަކަށްއައިސް ދަށަށްނުދާމިންވަރަށް ދަަށަށްގޮސްފައެވެ. މިހުރިހާ ކަމަކާގުޅިގެންނާއި ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުން އެމެރިކާއަށް ލިބިގެންދިޔަ ފިލާވަޅުތަކާއި ގެއްލުންތަކުގެ ސަބަބުން އެމެރިކާ މިއަދު އޮތީ އީރާނަށް އަރައިގަނެވޭފަދަ ޙާލަތެއްގައި ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އަފްޣާން ހަނގުރާމައަށް ނުވައަހަރުވީއިރު އެމެރިކާގެ ބާރުގަދަ ލަޝްކަރުތަކަށާއި ނޭޓޯގެ ލަޝްކަރުތަކަށް ތާލިބާނުން ބަލިކުރެވިފައިނުވާކަމީ މުޅިދުނިޔެއަށްވެސް އެނގިފައިވާ ޙަޤީޤަތެކެވެ.
އެމެރިކާގައި އީރާނަށް ބޮންއެޅޭފަދަ ބޯތުތައް އެބަހުއްޓެވެ. އަދި އީރާނަށް ޙަމަލާދިނުމަކީވެސް އެމެރިކާއަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އީރާނަށް އިސްވެ ޙަމަލާދީގެން ކުރިމަތިވެދާނެ ދިގުދެމިގެންދާ ނަތީޖާތަކެއް މިޙާލަތުގައި އެމެރިކާއަށް ބަރުދާސްތުކުރެވިދާނެހެއްޔެވެ؟ އީރާނަށް އިސްވެ ޙަމަލާދީގެން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަކީ އެމެިރކާއަށް ކުރެވޭނެ ކަމެއްކަމަކަށް ތަޖްރިބާކާރުން ޤަބޫލެއްނުކުރެއެވެ. އަދި މިފަދަ ޙާލަތެއްގައި އީރާނުން ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފިނަމަ ތެލުގެ އަގަށް އަންނާނެ ބަދަލުތަކަކީ އެމެރިކާވެސް ވަރަށްބޮޑަށް ޖެހިލުންވާ ބަދަލުތަކެކެވެ. އެހެންކަމުން އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްއާއި އެމެރިކާގެ އެހެން މަސްއޫލުވެރިން އީރާނާދެކޮޅަށް ދެއްވާ ބަހުގެ ހަމަލާތަކަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް ތަރްޖަމާވެގެންދާ ކަމެކެވެ. ބޭނުމަކީ ޢަމަލީގޮތުން ނުކުރެވޭކަންތައް ވާހަކައިން ފޫބެއްދުމެވެ. އެމެރިކާގެ ދޯހަޅި އަދި ޙިކްމަތްތެރިކަންނެތް ސިޔާސަތުތަކުގެ ސަބަބުން މާޔޫސްވެފައިވާ އެމެރިކާގެ ރައްޔިތުން ރުއްސުމެވެ.