30 Dec 2013, 16:37
އަންނަ މަހުގެ އެކަކުން ފެށިގެން ސުޕްރީމް ކޯޓުގެ ހުށަހެޅުމެއް ނެތި ބައެއް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމަކީ އަމަލު ނުކުރެވޭނެ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއި ކުރައްވައި މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލު ކުރުމަކީ ޖޭއެސްސީން ދީފައިވާ މުތުލަގު ބާރެއް ނޫންކަން ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ހ) އާއި 141 ވަނަ މާއްދާ އާއި 142 ވަނަ މާއްދާއިން އެނގޭ ކަމަށެވެ.
އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ބަދަލުކުރުމުގައި ބަލަން ޖެހޭނީ ހަމައެކަނި ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަށް ނޫންކަން ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނުންނާއި ފަނޑިޔާރުންގެ ގާނޫނުންނާއި ސުޕްރީމް ކޯޓުންގެ ނިންމުންތަކުން އެނގޭ ކަމަށެވެ.
އެ އަމުރުގައި އަދި ބުނީ ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި އެހެން ހާލަތްތަކުގައި އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަންކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރަންވާނީ ޖޫޑިޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ. އަދި ޖުޑީޝަލް ކައުންސިލް އުވިގެންދިއުމާ އެކު ކައުންސިލުން ކުރަމުން އައި ކަންތައް ކުރަމުން އަންނަނީ ސުޕްރީމްކީޓުން ކަމަށެވެ.
އަދި ސުޕްރީމްކޯޓުގެ ހުށަހެޅުމެއް ނެތި ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލި ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ ބައެއް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ޖެނުއަރީ 1 ފެށިގެން ބަދަލު ކުރުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ޖޭއެސްސީން ނިންމި ނިންމުމަކީ އަމަލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބާތިލު ނިންމުމެއް ކަމަށް ޖޭއްސެސީ އާއި ކޯޓުތަކާ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.