30 Dec 2013, 16:13
ރޭސް ޖެހުމުގެ މައްޗަށް ބިނާކޮށް ނެރުމުން އަންނަ އަދި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފާސްޓް އެންޑް ފިއުރިއަސް އަދި ޓްރާންސްފޯމާސްގެ ތަރި ޓައިރީސް ގިބްސަން ރާއްޖެ އަންނާނެކަން އިއުލާންކޮށްފި އެވެ.
ދުބާއީގައި މިހާރު ހުރި ޓައިރީސް ރާއްޖެ އަންނާނެކަން އިއުލާންކޮށްފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އިއްޔެ ލިޔުނު ސްޓޭޓަސް އެއްގަ އެވެ. ފޭސްބުކްގެ އިތުރުން ޓައިރީސް ވަނީ އޭނަގެ އިންސްޓަގްރާމްގައި ވެސް އެކަން އިއުލާންކޮށްފަ އެވެ.
އެ ސްޓޭޓަސްގައި އޭނާ ބުނެފައި ވަނީ ދުބާއީގެ ދަތުރަށް ފަހު ރާއްޖެ އަށް ކުޑަ ދުވަސްކޮޅަކަށް އައުމަށް ނިންމާފައިވާ ކަމަށާއި އޭނާ ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށެވެ. ނަމަވެސް އެ ސްޓޭޓަސްގައި އޭނާ އަންނާނެ ދުވަހެއް އަދި ދާން ނިންމާފައިވާ ރިސޯޓެއް ނުބުނެ އެވެ.
ދުބާއީގައި މިއަދު އޭނާގެ 35 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާ ޓައިރިސް އުފަންވެފައި ވަނީ 1978 ވަނަ އަހަރު ލޮސްއެންޖަލިސް ކެލިފޯނިއާ އަށެވެ. ކޮކާކޯލާ އިސްތިހާރަކުން 1994 ވަނަ އަހަރު މަޝްހޫރު ވަމުން އައި ޓައިރިސް މިހާތަނަށް ގިނަ ފިލުމުތަކެއްގެ ލީޑް ރޯލު ކުޅެފައިވާ އިރު އޭނާއަކީ މަޝްހޫރު ލަވަކިޔުންތެރި އެއްގެ އިތުރުން ޝާއިރެއް ވެސް މެއެވެ.
ޓައިރިސް ކުޅެފައިވާ ބައެއް ފިލްމުތަކަށް ބަލާލާއިރު ފާސްޓް އެންޑް ފިއުރިއަސްގެ ހަތަރު އެޕިސޯޑާއި މަޝްހޫރު ފިލްމް ޓްރާސްފޯމާސްގެ ތިން ބައިގައި ވެސް ލީޑް ރޯލެއް އަދާކޮށްފައިވާ އިރު އޭނާ ވަނީ ޑެތު ރޭސްގައި "މެޝިން ގަން ޖޯ" ގެ ރޯލުވެސް އަދާ ކޮށްފަ އެވެ.
ޓައިރީސް ގިބްސަން ރާއްޖެ އަންނާނެކަން އިއުލާން ކޮށްފައިވާ އިރު ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ބެޔާން މިއުނިޗްގެ ތަރި އާރްޔަން ރޮބެންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މީގެ އިތުރުން ބޮލީވުޑުގައި މިހާރު ފިޔަޖަހަމުން އަންނަ ދީޕިކާ ޕަޑުކޯންވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް މިދިޔަ ހަފްތާ ތެރޭގައި ރާއްޖެ އައިސްފަ އެވެ.