އަށް ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފައިވަނިކޮށް، އެ ޕާޓީގެ ހަތް މަޖިލިސް މެމްބަރަކު ތުރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވައިފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމާފައި ވަނީ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން ރުހުން ނުލިބުނު އަށް ވަޒީރުންނަށް މަޖިލީހުގެ ތަޅުމުން ރުހުން ނުދިނުމަށެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ނިންމި ހަތް ވަޒީރުންނަށް ތަޅުމުން ރުހުން ދިނުމާ މެދު "ފްރީ ވިޕެއް" އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ނެރެފަ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕުލައިނާ ހިލާފަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މާފަންނު ހުޅުނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ އިތުރުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.

އީސަ ވޯޓު ދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށެވެ. ނަމަވެސް އަލީ ރިޒާ އާއި އަބްދުﷲ އަބްދުއްރަހީމާއި ޖާބިރާއި ގައްދޫ ޒާހިރުގެ އިތުރުން މެޓްރިކްސް މޯޑު ވަނީ ރުހުން ނުދޭން ޕީޖީ ގްރޫޕުން ނިންމި ވަޒީރުންނަށް ވޯޓު ދެއްވައިފަ އެވެ.

އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ވިޕުލައިނާ ހިލާފަށް ވަޒީރުންނަށް ރުހުން ދޭން ވޯޓު ދެއްވީ ސިޔާސީ އެއްބަވަންތަކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތަށް ފުރުސަތު ދޭންޖެހޭނެ ކަމަށާއި ރައީސް މުހައްމަދު ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ސަރުކާރު ހިންގާ ޕާޓީގެ ވަޒީރުންނަށް ރުހުން ދޭންޖެހޭނެ ކަމަށް، ވިދާޅުވެފައި ވާތީ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިވަޑައިނުގަންނަވާ ވަޒީރުންނަށް ރުހުން ދީފައި ނުވާނެ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޭޕަބިލިޓީ އޮތް ވަޒީރުންނަށް ރުހުން ދިނީ. އެ ބޭފުޅުންނަކީ ގާބިލް ބޭފުޅުން. ސަރުކާރަށް އެއްބާރުލުން ދިނުމަށް އެމްޑީޕީން ގެންގުޅޭ ވިސްނުމުގެ ތެރެއިން ޕީޕީއެމްގެ ވަޒީރުނަށް ވޯޓު ދެވިދާނެ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ވިޕުލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުންގެ ތެރެއިން އަނެއް ހަ މެމްބަރުން ފޯނެއް ނުނަންގަވަ އެވެ.