މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް އިސްތިއުފާދެއްވަން ނިންމައިވައިފި އެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު ފަޒީލް މިއަދު "ސަން" އަށް ވިދާޅުވީ މި އަހަރު ނިމުމާ އެކު އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑު ނިންމަވާފައި މިވަނީ އިސްތިއުފާދިނުމަށް. އިސްތިއުފާ ދެނީ އަމިއްލަ ސަބަބުތަކަކަށްޓަކައި. އެއްވެސް ޕޮލިޓިކަލް ކަމެއް މި ނިންމުމުގައި ނުވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ފަޒީލް އެމްއެމްއޭގެ ގަވާނަރުކަން ކުރައްވާތާ މިހާރު ވަނީ ފަސް އަހަރު ވެފަ އެވެ. އަދި ބާކީ ދެ އަހަރު އެމަނިކުފާނުގެ ދައުރުގައި އެބައޮތެވެ.

ގަވަރުނަރު ފަޒީލް އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ އިރު އެމަނިކުފާނު އެންމެ ފަހުން މީޑިއާތައް ކުރިމަތީގައި ދައްކާފައިވާ ވާހަކަތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ މިގައުމާ އެކަށީގެންވާ އޮނިގަނޑަކަށް ގައުމުގެ އިގުތިސާދު ބައްޓަން ކުރުމާ ބެހޭ ގޮތުންނެވެ. އެގޮތުން ހަރަދުތައް ކުޑަކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބާރު އަޅުއްވަ އެވެ.