30 Dec 2013, 15:26
އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން ދަތިހާލުގައިވާ މީހުންނަށް ސަރުކާރުން ދޭންފެށި 11 އެހީއެއް ގާނޫނެއްގެ ދަށުން ދިނުމަށް ލާޒިމްކުރާ އިޖުތިމާއީ ރައްކާތެރިކަމުގެ ބިލުގެ މިއަދު އޮތް ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ 69 މެންބަރުންގެ ވޯޓުނެވެ. އަދި އެ ބިލް ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއްނުވެ އެވެ.
އިޖުތިމާއީ ރައްކާތެރިކަން ސަރުކާރުން ދޭން ޖެހޭނީ އެ މީހަކު އަމިއްލަ އަށް އެދިގެން ނުވަތަ އޭނާއާ ގުޅުން އޮންނަ ފަރާތަކުން ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ހުށަހަޅައިގެންނެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުގައި ދޭންޖެހޭނެ ފައިސާގެ އަދަދު ބަޔާން ކުރާ ގަވާއިދެއް ހަދަންޖެހޭނެ ކަމަށާއި އެ ގަވާއިދު ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައިވެ އެވެ. އެ ގަވާއިދުގެ ދަށުން އެހީ ހައްގުވުމުގެ ޝަރުތުތައް ބަޔާން ކުރަން ޖެހެ އެވެ. ހަމަ އެހެންމެ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދިނުމަށް ބޭނުންވާ ފައިސާ ކޮންމެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި ހިމެނުމަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
އިޖުތިމާއީ ރައްކާތެރިކަމާއި ބެހޭ ބިލުގައިވާ ގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ދޭ ހުރިހާ އެހީއަކަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓްގައި ހިމަނަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ބިލަކީ 2010 ވަނަ އަހަރު ރައްޔިތުން މަޖިލީހަށް ފޮނުވި ބިލެކެވެ. އެ ބިލް އިޖުތިމާއީ ކޮމެޓީން ނިންމުމަށް ފަހު ފަހެއް އޯގަސްޓް ގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވަނީ ފުރަތަމަ ފަހަރަށް އަނބުރާ ކޮމެޓީއަށް ފޮނުވާލާފަ އެވެ.