މިޞްރުގެ ސިފައިން އެ ގައުމުގެ ވެރިރަށް ޤާހިރާގައި މަސައްކަތް ކުރާ އަލްޖަޒީރާގެ ނޫސްވެރީންގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ޤާހިރާގައި ހުންނަވާ އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް ޕީޓަރ ގްރެސްޓޭގެ އިތުރުން، ޕްރޮގްރާމް އުފެއްދުންތެރީންގެ ގޮތުގައި މަސައްކަތް ކުރާ މުޙައްމަދު ފާޟިލް ފަހުމީ އާއި ބާހިރް މުޙައްމަދާއި، ކެމެރާމަނެއްގެ ގޮތުގައި މަސައްކަތް ކުރާ މުޙައްމަދު ފައުޒީ ހައްޔަރު ކުރެވުނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދިވެސް އެ ހަތަރު މީހުން ތިބީ ސިފައިންގެ ގައިދުގައެވެ.

ހައްޔަރު ކުރެވުނު ނޫސްވެރީންގެ ތެރެއިން މުޙައްމަދު ފާޟިލް ފަހުމީ އަކީ އަލްޖަޒީރާގެ ޤާހިރާ ބިއުރޯގެ އިސްވެރިޔާއެވެ. އޭނާގެ ގައުމީ ނިސްބަތަކީ ކެނެޑާއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ވާ ޕީޓަރ ގްރެސްޓޭ އަކީ ކުރީން ރޮއިޓަރޒް ނިއުސް އޭޖެންސީ އާއި ބީބީސީގެ އިތުރުން ސީއެންއެންގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފައި ވާ ގްރެސްޓޭ އަކީ އަލްޖަޒީރާގެ އެންމެ ސީނިއަރ ނޫސްވެރީންގެ ތެރެއިން އެއް ބޭފުޅެކެވެ.

ނޫސްވެރީން ހައްޔަރު ކުރުމަށް ފަހު، މިޞުރުގައި ދާޚިލީ ވުޒާރާގެ ކަންކަން ހިންގަމުންދާ ފަރާތްތަކުން ބުނެފައި ވަނީ އެ ނޫސްވެރީން ހައްޔަރު ކުރެވުނީ އިޚްވާނުލް މުސްލިމޫންގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ސަބަބުން ކަމަށެވެ. ނޫސްވެރީން ދިރިއުޅޭ ތަންތަނުން ކެމެރާތަކާއި އަދިވެސް އެހެން އާލަތްތައް އަތުލައިގަނެވުނު ކަމަށާއި، އެ ނޫސްވެރީންނަކީ މިޞްރުގެ "ގައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ" ތަކެތި ބްރޯޑްކާސްޓް ކުރުމުގައި ހަރަކާތްތެރި ވި ބައެއް ކަމަށް ވެސް ދާޚިލީ ވުޒާރާއިން ބުންޏެވެ.

އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ބުނެފައި ވަނީ މިޞްރުގެ ރައީސްކަމުން ޑރ. މުޙައްމަދު މުރްސީ ދުރު ކުރެވުނު ފަހުން، އެ ގައުމުގައި ނޫސްވެރީންނަށް ދަތިތަކާއި ނުރައްކާތަކާ ކުރިމަތިލާން ޖެހުން އާއްމު ވަމުން ދާ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރީންތަކެއް ހައްޔަރު ކުރެވިފައި މިވަނީ މިޞުރުގެ އިޚްވާނުލް މުސްލިމޫން ޖަމާއަތުގެ މެންބަރުންނާއި އެ ގައުމުގެ ފުލުހުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަރުގަދަ ވެފައި ވާ ދަނޑިވަޅެއްގައެވެ.

ނިއު ޔޯރކުގައި އެ އިދާރާއެއްގެ މައިމަރުކަޒު ހުންނަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާރނަލިސްޓްސް (ސީޕީޖޭ) ގެ ފަރާތުން މިއަދު ބުނެފައި ވަނީ ސީރިއާ އާއި ޢިރާޤާ އެކު، މިޞްރަކީ މިހާރު ނޫސްވެރީންނަށް އެންމެ ނުރައްކައުތެރި މާހައުލު އޮތް ގައުމުތައް ކަމަށެވެ.

މި އަހަރުގެ ތެރޭގައި މިޞްރުގައި 6 ނޫސްވެރިއަކު މަރައިލެވިފައި ވެއެވެ. މީގެ ތެރެއިން ބައެއް މީހުންގެ ގަޔަށް މިޞްރުގެ ސިފައިންގެ އަމާޒަށް ބަޑި ޖަހާ މީހުން ބަޑި ޖަހައި މަރައިލާ ވީޑިއޯތައް ވެސް ވަނީ ލީކު ވެފައެވެ.

މިޞުރުގެ ތާރީޚުގައި ބޭއްވުނު ފުރަތަމަ މިނިވަން އަދި އިންސާފުވެރި ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެ ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުރްސީ އަކީ، މިޞުރުގެ އިސްލާމީ ޚިޔާލުގެ ހަރަކާތް އިޚްވާނުލް މުސްލިމޫންގެ މެންބަރެކެވެ. ޑރ. މުރްސީގެ ވެރިކަމުގައި މިޞުރުގައި އިސްލާމީ ފިކުރާ އެއްގޮތް ދައުލަތެއް ބިނާ ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުން، އެ ގައުމުގައި ބާރުގަދަ ލާދީނީ ޖަމާއަތްތައް ގުޅިގެން، އަލްމާނީ ފިކުރުގެ އަސްކަރިއްޔާ އާއި ފުލުހުންގެ އެހީތެރިކަމާއެކު ޣައިރުގާނޫނީ ބަޣާވާތެއް ގެނެސް ޑރ. މުރްސީގެ ވެރިކަން ވައްޓައިލީ މި އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު، ހުޅަނގުގެ ތާއީދާއި އަޚްލާގީ މަދަދާ އެކު، އަދި އިސްލާމް ދީނާ ޚިލާފު ވެރިކަންތަކެއް ކުރަމުން ގެންދާ ސަޢޫދީ ޢަރަބިއްޔާ އާއި ކުވައިތާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އެހީތެރިކަމާ އެކު، ލާދީނީ ސަރުކާރުން ގެންދަނީ މިޞްރުގެ މުސްލިމުންނަށް ބޮޑެތި އަނިޔާތައް ދީ، މުސްލިމް ރައްޔިތުން މަރަމުންނެވެ.

މިޞުރުގައި ވެރިކަން ކުރާ ލާދީނީ އަލްމާނީން ވަނީ އިޚްވާނުލް މުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި ކަނޑައަޅައިފައެވެ. ޑރ. މުރްސީގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމަށް ފަހު، ލާދީނީ ލީޑަރުންނާއި އަސްކަރިއްޔާއިން ވަނީ އިޚްވާނުގެ އެތައް ސަތޭކަ ލީޑަރުންނާއި އެތައް ހާސް މެންބަރުންނެއް ގާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައެވެ.