ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ޖިންސީ ކުށުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްކޮށްފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވާފައިވާއިރު ވަކިކޮޅަކަށް ވޯޓު ނުދެއްކާ އެއް މެމްބަރަކު އިންނެވި އެވެ.

މިއަދުގެ ޖަލްސާގައި އެ ބިލް ދިރާސާ ކުރައްވައި އިޖުތިމާއީ ކޮމެޓީން ނިންމި ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އެބިލް ދިރާސާ ކުރެއްވުމުގައި ހިއުމަންރައިޓްސް ކޮމިޝަނާއި ޖެންޑާ މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން ބަންޑާރަ ނާއިބް އޮފީހުން ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ޖުމްލަ 69 މާއްދާގެ މައްޗަށް އެކުލެވިގެންވާ އެ ބިލަކީ ބޮޑެތި މީހުންނަށް ޖިންސީ އަނިޔާ ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމުގެ މަގުސަތުގައި ފާސްކޮށްފައިވާ ބިލެކެވެ.

މަސާޖު ޕާލާގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގުން ރާއްޖޭގައި އާންމުވެފައިވާތީ އެފަދަ ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ލިބޭނެ ކަމަށް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުން ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވުމާ ގުޅިގެން އެކަމާ ގުޅޭ ބިލެއް ވެސް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި އެވެ. 2009 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ހިންގާ މީހުން ދިގު މުއްދަތަކަށް ޖަލަށްލާން ކޯޓުތަކުން ހުކުމް ކޮށްފައި ވެއެވެ.