އިނގިރޭސި ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި ދަތުރު ކުރުކޮށްލަން ޖެހުނީ ރާއްޖެ އަށް އެ ދުވަސްވަރު ކުރި ވިއްސާރައާ ގުޅިގެންނެވެ. ރީތިރަށުގައި ޗުއްޓީ ހޭދަކޮށްލުމަށް އައި ބެކަމްގެ އަގުބޮޑު ޗުއްޓީ އެފަހަރު ފެނަށްވެގެން ދިޔަ ނަމަވެސް އެނބުރި އަންނާނެ ކަމަށް ބުނެ "އޭ" ލިސްޓުގެ އެ އާއިލާ އެފަހަރު ފުރައިގެން ދިޔައީ އެވެ. އަދި މި އަހަރުގެ އާ އަހަރާ ދިމާކޮށް ބެކަމްގެ އާއިލާ ރީތިރަށަށް އައުމުން މިފަހަރު ދިމާވީ އެހެން މައްސަލަ އެކެވެ.

ނިއުއިޔާ ފާހަގަކުރުމުގެ މަސައްކަތަށް ތައްޔާރުވަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު ރީތިރަށުގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ އެ ހާދިސާގައި ބިދޭސީއަކު ވަނީ ފިހިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އެ ރިސޯޓުގެ ޖެޓީ ސަރަހައްދުން ވަރަށް ބޯކޮށް ދުންއަރަމުންދާ މަންޒަރެވެ. އަދި ބަޑިބޭސްތައް ގޮވާ އަޑާއި އޭގެ އެއްޗެހިތައް މައްޗަށް އަރާ މަންޒަރު ފެނެ އެވެ. އެވަގުތު އެސަރަހައްދުގައި އަޅާފައިވާ ލޯންޗުތައް ވެސް ދުރަށް ޖައްސަ އެވެ.

ޑޭވިޑް ބެކަމްގެ އިތުރުން އޭނާގެ އަންހެނުން ސްޕައިސް ގާލްގެ ކުރީގެ ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމް (ޕޯޝް)ގެ އިތުރުން ހަތަރު ދަރިން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. ބެކަމް އާއިލާގެ އިތުރުން ޗެލްސީ ފުޓްބޯޅަ ކްލަބްގެ ވެރިޔާ އަދި ރަޝިޔާގެ ބިލިއަނަރެއް ކަމަށްވާ ރޯމަން އިބްރަހަމޮވިޗާއި ބެޔާންމިއުނިކުގެ ނެދަލަންޑް ފޯވާޑް އަޔަން ރޮބެންވެސް ޗުއްޓީ ހޭދަކުރުމަށް ރީތިރަށަށް ގޮސްފައިވެ އެވެ.

ރީތިރަށް ރިސޯޓުން ބުނެފައި ވަނީ އެ ހާދިސާގައި ޓޫރިސްޓު އޭރިއާ އަށް އަސަރެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރުކުރި ކަމަށެވެ.

ރީތިރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ބޭރު މީޑިއާތަކުން އެ ރިސޯޓަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކާފައިވެ އެވެ.

މަޝްހޫރު އެތައް ބަޔަކު ޗުއްޓީ ހޭދަކުރަމުން އަންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގައިވާ ވަސީލަތްތަކާ ބެހޭ ގޮތުން ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ރީތިރަށް ރިޒޯޓްގައި 130 ޕްރައިވެޓް ވިލާ އާއި 40 ޕޫލާއި 12 ގޮނޑުދޮށާއި ސައުނާތަކާއި ފެންއަރުވާ ވަޑާންތައް ހުރި ކަމަށެވެ. އަދި އެ ރަށުގެ ފެންވަރު ރަނގަޅުކަން ހާމަކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރަށް އެއިން ވިލާއަކަށް ދައްކަން ޖެހޭ އަގު ބަޔާންކޮށްފައިވެ އެވެ.